01 Feb 2013, 20:18
މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ކުށުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި ކެމެރޫންގެ އަންހެން މީހާގެ ހަށިގަނޑު އެއް މަހަށް ވުރެ ގިނަ ދުވަހު މޯޗަރީގައި ބޭއްވުމަށް ފަހު، މިއަދު ރާއްޖޭގައި ވަޅުލައިފި އެވެ.
ޑީޕީއާރުއެސް ހިންގެވުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު ވިދާޅުވީ ކެމަރޫންގެ ރައްޔިތެއްކަމަށްވާ މަރީ ރޯސް އެބެލާ މިއަދު ވަޅުލާފައި ވަނީ އޭނާގެ ގަބުރާ މެދު އަމަލު ކުރާނެ ގޮތެއް އޭނާގެ އާއިލާއިން ނޭންގުމުން ކަމަށެވެ.
އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހު އެވެ.
އޭނާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ 2011 ވަނަ އޮކްޓޯބަރު 31 ވަނަ ދުވަހު ރާއްޖެ އައި ފްލައިޓަކުންނެވެ. އަދި އެ މައްސަލައިގައި އޭނާ 25 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު އެވެ.