01 Feb 2013, 20:11
ފުލުހުން، އުސްފަސްގަނޑަށް އަރަން އުޅުނު ބަޔަކު މިއަދު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް ވިދާޅުވީ މިއަދު ހަވީރުގެ ވަގުތެއްގައި އުސްފަސްގަނޑު ސަރަހައްދަށް އެއްވި އެމްޑީޕީ ސަޕޯޓަރުންގެ ތެރެއިން ބަޔަކު ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ޕޮލިސް ލައިން ފަޅާލައި އުސްފަސްގަނޑަށް އަރާން މަސައްކަތްކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން 15 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށާއި އޭގެތެރޭގައި ދެ އަންހެނަކު ވެސް ހިމެނޭ ކަމަށެވެ.
ހައްޔަރު ކުރި މީހުންގެ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.
އުސްފަސްގަނޑަކީ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ތަނެކެވެ. އެތަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހައިކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރަކާ ގުޅިގެންނެވެ.
ހައިކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރުގައި ބުނަނީ ހައުސިން މިނިސްޓްރީއާ އުސްފަސްގަނޑު ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް މާލޭ ސިޓީ ކައުންސިލުން އެ ކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީ އެ މައްސަލައާ މެދު ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަން ދެން ފުލުހުންގެ ބެލުމުގެ ދަށުގައި އުސްފަސްގަނޑު ބޭއްވުމަށް އަމުރު ކުރާ ކަމަށެވެ.