01 Feb 2013, 19:53
އިންޑިއާ އިން ރާއްޖެ އަށް އެތެރެކުރާ ހަނޑުލާއި ހިލަވެލި އެކްސްޕޯޓް ކުރުން ހުއްޓައިލުމަށް އެގައުމުގެ ސަރުކާރުން ނިންމައިފައި ނުވާ ކަމަށް ރާއްޖޭގައި ހުންނަ، އިންޑިއާގެ ހައިކޮމިޝަނުން ބުނެފި އެވެ.
އިންޑިޔަން ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ޒަމާނުއްސުރެން އިންޑިޔާ އިން ރާއްޖެ އަށް އެތެރެކުރަމުން ގެންދާ ހަނޑުލާއި ހިލަވެލީގެ ބާވަތްތައް އެގައުމުން ބޭރުކުރުން ހުއްޓުވުމަށް އިންޑިޔާ ސަރުކާރުން ނިންމައިފައިވާ ކަމަށް ރާއްޖޭގެ ދުވަހު ނޫހެއްގައި ހުސްވި ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ލިޔެފައިވާ ހަބަރަކީ ޒިންމާދާރުކަން ކުޑަ ހަބަރެއް ކަމަށާއި އެއްވެސް ވަރަކަށް ހަގީގީ މައުލޫމާތު ހޯދައިގެން ލިޔެފައިވާ ހަބަރެއް ނޫން ކަމަށެވެ.
"ރާއްޖެ އަށް ހިލަވެއްޔާއި ހަނޑޫ އެކްސްޕޯޓް ކުރުން ހުއްޓުވުމަށް އިންޑިޔާ ސަރުކާރުން އެފަދަ ނިންމުމެއް ނިންމައިފައި އޮތް ކަމެއް ހައިކޮމިޝަނަށް މިހާތަނަށް އެނގިފައެއް ނެތް. ސޫތުކުޅިން އެކްސްޕޯޓް ކުރާ ހިލަވެލީގެ މައްސަލައިގައި ލޯކަލް ކޯޓަކުން އަމުރެއް ނެރެފައިވީ ކަމުގައިވި ނަމަވެސް ހިލަވެލި އިމްޕޯޓްކުރާ ފަރާތްތަކަށް އިންޑިޔާގެ އެހެން ސަރަހައްދުތަކުން ހިލަވެލި އެތެރެކުރުމުގެ ދޮރުވަނީ ހުޅުވައިލެވިފައި،" ކަމަށް ހައިކޮމިޝަނުން ބުނެފައިވެ އެވެ.
އިންޑިއަން ހައިކޮމިޝަނުން އިތުރަށް ބުނެފައި ވަނީ ދެ ގައުމުގެ ދެމެދުގައި ހުންނަ މިފަދަ ގުޅުންތަކުގެ ވާހަކަ މީޑިޔާތަކުގައި ލިޔާއިރު ކިޔާމީހުންނަށް އެކަމުން ނުރަނގަޅު ތަސައްވުރެއް ލިބޭ ފަދަ ގޮތްގޮތަށް ހަބަރުފަތުރާ ވަސީލަތްތަކުން އަމަލު ނުކުރުމަށް އެދޭކަމަށާއި މިޑިޔާގައި މައުލޫމާތު ފަތުރާއިރު އެކަމަކާ ގުޅުން ހުރި ހުރިހާ ފަރާތެއްގެ ވާހަކަތައް ވެސް ރަނގަޅަށް ހޯދައިގެން ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަކީ އެފަރާތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.
އިންޑިޔާ އިން ބޭރަށް އެ ގައުމުގެ ހިލަވެލި ވިއްކުމަކީ އެ ގައުމުގެ ތިމާވެއްޓާ ބެހޭ އިދާރާތަކުން އަބަދުވެސް ވަރަށް ދެކޮޅު ހަދާ ކަމެކެވެ. އިންޑިޔާ އިން އާންމުކޮށް އެކްސްޕޯޓު ނުކުރާ ގޮތަށް ހަމަޖައްސައިފައިވާ ބައެއް ތަކެތި ރާއްޖެ އަށް ގަންނާން ލިބޭ ގޮތަށް ހަދައިފައި ވަނީ ދެ ގައުމުގެ ސަރުކާރުން ވަރަށް ކުރީއްސުރެ ވެފައިވާ އެއްބަސްވުންތަކެއްގެ ދަށުންނެވެ.