01 Feb 2013, 18:12
ރިސޯޓްތަކުގައި މުޒާހަރާ ކުރުމަކީ މަނާ ކަމެއްކަން އެއްވެއުޅުމުގެ ގާނޫނުގައި ބަޔާންކޮށްފައި ވުމުން، ޓޫރިސްޓް ރިޒޯޓްތަކުގައި މުޒާހަރާ ކުރާ ފަރާތްކާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނުގައި 24 ވަނަ މާއްދާގައި ބުނަނީ ރާއްޖޭގެ ޓޫރިސްޓް ރިސޯޓްތަކާއި ވިޔަފާރި ބަނދަރުތަކާއި ވައިގެ ބަނދަރުތަކުގައި މުޒާހަރާ ކުރުމަކީ މަނާ ކަމެކެވެ. އެފަދަ ތަކެއްގައި މުޒާހަރާ ކުރެވޭނީ ފުލުހުންދޭ ހުއްދަ ލިޔުމަކުން ކަމަށާއި އެ ހުއްދައަކީ އެމްއެންޑީއެފްގެ ލަފާގެ މަތިން ތައްޔާރުކޮށްފައިވާ ލިޔުމަކަށް ވާންޖެހޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ.
ނަމަވެސް އެ ގާނޫނުގައި ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން އިހްތިޖާޖު ކުރުމުގެ ގޮތުން ވަޒީފާއަށް ނުުނުކުމެ ތިބުމަކަށް ހުރަހެއް ނާޅަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބްއިންސްޕެކްޓާ ހަސަން ހަނީފު ވިދާޅުވީ ރިސޯޓެއްގައި މުޒާހަރާ ކުރާނަމަ، ފުލުހުން އެކަން ބެލުމަށްފަހު އެ ތަނުގެ ހާލަތައް ބަލާފައި އެޑެންޑުވާނެ ކަމަށެވެ. އަދި އެއްވެއުޅުމުގެ ގާނޫނުގައި މުޒާހަރާ ކުރުން މަނާތަނެއްގައި މުޒާހަރާކުރަމުންދާނަމަ ފިޔަވަޅު އަޅާނެ ކަމަށް ހަނީފު ވިދާޅުވި އެވެ.
އެއްވެ އުޅުމުގެ ގާނޫނުގެ 24 ވަނަ މާއްދާގައި އެއްވެ އުޅުން މަނާ ތަންތަނުގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ މައި މަޒުކަޒުތަކާއި ސިފައިންނާ ފުލުހުންގެ މަޒުކަޒުތައް ހިމެނޭ ސަރަހައްދުތައް ހިމެނެ އެވެ. އެގޮތުން އެމްއެންޑީއެފްގެ މައި މަރުކަޒު ނުވަތަ ބަންޑާރަ ކޮށި އުތުރުފަރާތު އިންފާރުން ފެށިގެން ކުރިމައްޗަށް 300 ފޫޓް ހިމެނޭ ސަރަހައްދު ނުވަތަ ޖުމްހޫރީ މައިދާނާއި ހުޅަނގުފަރާތު އިންފާރުން ފެށިގެން 200 ފޫޓް ހިމެނޭ ސަރަހައްދާއި އަދި އިރުމަތީފަރާތު އިންފާރުން ފެށިގެން 200 ފޫޓް ހިމެނޭ ސަރަހައްދާއި މައި މަރުކަޒުގެ ދެކުނު ފަރާތު އިންފާރުން ފެށިގެން 150 ފޫޓް ހިމެނޭ ބިމުގެ ސަރަހައްދަށް އެއްވުމަކީ މަނާ ކަމެކެވެ. އަދި އެމްއެންޑީއެފްގެ އެހެން މަރުކަޒެއްގެ ކޮންމެ އިންފާރަކުން ފެށިގެން 100 ފޫޓް ހިމެނޭ ސަރަހައްދަށް އެއްނުވެވޭނެ ކަމަށް އެ ގާނޫނުގައި ބުނެ އެވެ. އަދި ދިވެހި ފުލުހުންގެ މައި މަރުކަޒުގެ އުތުރުފަރާތު އިންފާރުން ފެށިގެން ކުރިމައްޗަށް 50 ފޫޓް ހިމެނޭ ސަރަހައްދާއި އަދި ހުޅަނގުފަރާތު އިންފާރުން ފެށިގެން 500 ފޫޓް ހިމެނޭ ޖުމްހޫރީ މައިދާން ސަރަހައްދާއި އަދި އިރުމަތީ ފަރާތު އިންފާރުން ފެށިގެން 100 ފޫޓް ހިމެނޭ ސަރަހައްދާއި އަދި ދެކުނު ފަރާތު އިންފާރުން ފެށިގެން 50 ފޫޓް އޮތް ސަރަހައްދަކީ އެއްވެއުޅުން މަނާ ސަރަހައްދެވެ.
ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅުގެ ހަތަރު ބިތުން ފެށިގެން ކޮންމެ ކޮޅަކަށް 250 ފޫޓް ސަރަހައްދަށް އެއްވުމަކީ ވެސް މަނާ ކަމެކެވެ. އަދި ނައިބު ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 100 ފޫޓް ސަރަހައްދަށް އެއްނުވެވޭނެ އެވެ. އެމްއެމްއޭގެ މައި އިމާރާތުގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 100 ފޫޓް ހިމެނޭ ސަރަހައްދަށް އެއްވުމަކީ މަނާ ކަމެކެވެ.
ޝަރުއީ ކޯޓްތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 50 ފޫޓް ހިމެނޭ ސަރަހައްދަށް އެއްވުމަކީ ވެސް މަނާކަމެކެވެ.