މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ނ. ކެނދިކުޅުދޫގައި މިރޭ ބާއްވަން އުޅުނު ހާއްސަ ޖަލްސާ މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފި އެވެ.

އެމްޑީއޭއަށް މެންބަރުން އިތުރު ކުރުމަށްޓަކައި އެ ޕާޓީން ކުރަމުންދާ ސިލްސިލާ ދަތުރުތަކުގައި ކެނދިކުޅުދޫގައި މިރޭ ބާއްވަން އުޅުނު ހާއްސަ ޖަލްސާ ކެންސަލް ކުރި ނަމަވެސް، މޫސުން ރަނގަޅުވިހާ އަވަހަކަށް އެ ރަށުގައި ޖަލްސާ ބާއްވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީއޭގެ ސްޕޯކްސް ޕާސަން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ މޫސުން ތަންނުދިނުމުގެ ސަބަބުން މިރޭގެ ޖަލްސާ ކެންސަލް ކުރަންޖެހުނު ނަމަވެސް، މާލެއާއި މާލެ ކައިރި ރަށްތަކުގައި އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ ކެންޕެއިންތަކެއް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ރާއްޖޭގައި އެންމެ ފަހުން އުފެދުނު ހަރަކާތްތެރި ޕާޓީ، އެމްޑީއޭއިން ވަނީ މެދުރާއްޖެ ތެރެއާއި އުތުރުގެ ރަށްތަކަށް ދަތުރުކޮށް އެ ޕާޓީންއަށް މެންބަރުންތަކެއް އިތުރުކޮށްފަ އެވެ.