ކުޅުދުއްފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެއްދެވުމަށް 54 މިލިއަން ރުފިޔާގެ މަޝްރޫއެއް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ފައްޓަވައިދެއްވައިފި އެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހައުސިން މިނިސްޓްރީއާ ދެ މެދު މިއަދު ކުޅުދުއްފުށީގައި ސޮއި ކުރި އެއްބަސްވުމުގެ ދަށުން 5.8 ކިލޯ މީޓަރުގެ މަގު އެ ރަށުގައި ހެދުމަށް އެއްބަސްވެފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ސަން އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ ފަރާތުން އެއްބަސްވި ގޮތުން އެ މަސައްކަތް ހަ މަހާއި އަށް މަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ރޯޑް ކޯޕަރޭޝަނާ އެކު މިއަދު ވި އެއްބަސްވުމުގެ ތެރޭގައި އެ ރަށަށް ޒިޔާރާތް ކުރާ މީހުން މަޑުކޮށްލުމަށް "މެޓާނިޓީ ވެއިޓިން ހޯމް" ބަނދަރުމަތީގައި ހެދުމަށް ވެސް އެއްބަސްވެފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފައްޓަވައި ދެއްވާނެ ކަމަށެވެ. އަދި އެ މަސައްކަތް މި އަހުރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް ވެސް އެއްބަސްވެފައިވާ ކަމަށެވެ.

އެ މަސައްކަތަށް ނުވަ މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއުއަށް ހަރަދު ކުރައްވަނީ ސަރުކާރުގެ ބަޖެޓުން ކަމަށާއި ނަމަވެސް މެޓާނިޓީ ހޯމަށް ހަރަދު ކުރައްވާނީ ބޭރުގެ ޖަމާއަތްތަކުން ލިބިފައިވާ ހަތް މިލިއަން ރުފިޔާ އާއި ބާކީ ދިވެހި ސަރުކާރުން ކަމަށެވެ.

"އެތަން ނިމުން ކުޅުދުއްފުއްޓަށް އެކިއެކި ހިދުމަތްތައް ހޯދުމަށް އަންނަ ފަރާތްތައް މަޑުކޮށްލުމަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ." މުއިއްޒު ވިދާޅުވި އެވެ. "މިހާރު އަޅުގަނޑުމެންނަށް ފާހަގަ ކުރެވެނީ ކުޑަކުދިން ގޮވައިގެން އަންނަ މީހުން އެކުދިން ބައިތިއްބާނެ ތަނެއް ނެތިގެން އުޅޭތަން."

މިއަދުގެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ މި އަހަރުގެ ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި ތާރުއަޅައި ވެސް ނިންމާލެވޭނެ ކަމަށެވެ.