06 Oct 2010, 10:34
ވަނަ މަކަށް "ޑޭންޖަރ" ނުވަތަ ނުރައްކާ ކިޔާ އެކްސެންޓަސް އަކުކޫ އަކީ ކެންޔާގެ ޤަބީލާއަކަށް ނިސްބަތްވާ މީހެކެވެ. އޭނާގެ ވަނަމަކަށް "ޑޭންޖަރ" މިނަން ދީފައި ވަނީ، އޭނާގެ ކިބައިގައި ހުރި އަންހެނުން ހިތް ދަމައިގަންނަ ފިރިހެންވަންތަ، ރީތި ސިފަތަކުގެ ސަބަބުންނެވެ. އަކުކޫ މަރުވިއިރު އޭނާގެ އުމުރަކީ 90 އަހަރެވެ.
އަކުކޫ އަކީ ކެންޔާގައި ވަރަށް މަޝްހޫރު މީހެކެވެ. އޭނާ އެންމެ ފުރަތަމަ ކައިވެނި ކޮށްފައިވަނީ 1939 ގަ އެވެ. އަދި ގާތްގަނޑަކަށް 70 ވަރަކަށް އަހަރު ކުރިން އޭނާ ވަނީ އުމުރުން 22 އަހަރުގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނާ ކައިވެނިކުރި މީހާ އަށް ވެފަ އެވެ.
އަކުކޫ އަށްވުރެ ކުރީން އޭނާގެ 12 އަނބީން މަރުވެފައިވާއިރު، އަކުކޫ އެންމެ ފަހުން ކައިވެންޏެއް ކޮށްފައިވަނީ 1992 ގަ އެވެ. އޭނާއަށް ލިބުނު ކުދީންގެ ޢަދަދު ގިނަކަމުން ހަމައެކަނި މި ކުދީންނަށް ކިޔަވައިދިނުމަށް އޭނާ އަމިއްލައަށް ދެ ސްކޫލެއް ބިނާކޮށްފައިވެ އެވެ. ހަމަ އެއާއެކު ބޮޑުވަމުންދިޔަ އާއިލާ އަޅުކަންކުރާނެ ފައްޅިއެއް ވެސް އަކުކޫ ވަނީ އަޅައިދީފަ އެވެ.
ނޫސްވެރިންނަށް އެކި ފަހަރުމަތިން އަކުކޫ ދީފައި ހުރި އިންޓަވިޔުތަކުގައި އޭނާ ބުނެފައި ވަނީ، އޭނާގެ ދަރީންނަށް ނަންކިޔުމުގެ ޒިންމާ ނަގަނީ އޭނާ ކަމަށެވެ. މިއީ ދަރިންނާ އޮންނަ ގުޅުން ރަނގަޅުކުރަން ކުރާ ކަމެއް ކަމަށް ވެސް އަކުކޫ ވަނީ ބުނެފަ އެވެ.
އަކުކޫގެ މަރަކީ މިއަދު ކެންޔާގެ މީޑިޔާތަކުގެ ފަލަ ސުރުހީގައި ދެކެވެމުންދާ ވާހަކަތަކެކެވެ. އެގޮތުން، ރޭޑިޔޯ ސްޓޭޝަންތަކުން ފޮނުވަމުންދާ ޕްރޮގްރާމްތަކަށް ގުޅަމުންދާ ފަރާތްތަކުން އަކުކޫ އަށް އިހުތިރާމް އަދާކުރަމުންދާއިރު، މީގެ ތެރޭގައި ގިނައީ ފިރިހެނުންކަން ފާހަގަކޮށްލެވެ އެވެ.
ކެންޔާގެ ވަރަށް ގިނަ ގަބީލާތަކުގައި، އެކަކަށް އަށްވުރެ ގިނަ އަނބިން ތިބުމަކީ އެ ގަބީލާއެއްގައި އެ ފިރިހެނެއްގެ މުއްސަނދިކަމާއި ހައިބަތު ހާމަކޮށްދޭ ކަމަކަށް ވަނީ ވެފަ އެވެ. އަދި އާއިލާގެ ތެރެއިން ކައިވެނީގެ ގޮށްޖެހުން މިހާރަށްވުރެ ފަސޭހަ ދުވަސްވަރެއްގައި އަކުކޫވަނީ އޭނާގެ ސަގާފަތް ގަބޫލުކުރާ ހަރު މީހެއްގެ ނަމޫނާ ރަމްޒުކޮށްދީފަ އެވެ.
ކެންޔާގެ އަންހުންނަށް ސަގާފީގޮތުން ދެވިފައިވާ މަގާމް، އަކުކޫގެ ޒަމާނުގައި ވަނީ ބަދަލުވެގެން ގޮސްފަ އެވެ. އެގޮތުން ފިރިހެނުންނެކޭ އެއްވަރަށް އަންހެނުން ވެސް ޔުނިވަސިޓީތަކުގައި މަސައްކަތްކުރެ އެވެ. ހަމައެއާއެކު، ބޮޑެތި ކުންފުނިތަކުގެ މަތީ މަޤާމުތަކުގައި މަސައްކަތްކުރާ އަންހެނުން ގިނަވަމުންދާއިރު، ނާތަހުޒީބު ހިސާބުތަކުގައިވެސް ދަރިން ހޯދާ އަދަދު އިހުނަށްވުރެ ތިރިވެފައިވާކަން ފާހަގަކުރެވެ އެވެ.
100 އަށް ވުރެ ގިނަ އަނބީން ގެންގުޅުނު އަކޫކޫ އަށް ކެންޔާގެ ޒުވާނުން އިހުތިރާމް އަދާ ކުރަމުންދާއިރު، ގިނަ މީހުން އެއްބަސްވާ ގޮތުގައި އެފަދަ ދިރިއުޅުމެއް މިޒަމާނުގައި އުޅުމަކީ ވަރަށް އުނދަގޫ ކަމެކެވެ.
ކެންޔާގެ ގިނަ އަންހެނުންގެ މާމައިންނާއި މަންމައިންނަކީ މިފަދަ ގޭބިސީތަކުން އައިސްފައިވާ ބަޔަކަށްވާއިރު، ތަހުޒީބު ހިސާބުތަކުގައި ދިރިއުޅޭ ޒުވާން ފުރައިގެ ގިނަ އަންހެނުން ބުނަނީ، އަކުކޫ އުޅުނު ފަދައިން މިޒަމާނުގައި އެހާ ގިނަ އަނބީން އެއް ހިޔާވައްސެއްގެ ދަށުގައި ސުލްހަވެރިކަމާއެކު އުޅުމަކީ ހާސިލްކުރަން އުނދަގޫ ކަމެއް ކަމަށެވެ.