ޓްރިޕޮލީ (ފެބްރުއަރީ 1): ލީބިޔާގައި އަމްނު އަމާންކަން ޤާއިމް ކުރުމުގައި އިނގިރޭސިވިލާތުން އެހީތެރިވުމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވަޢްދުވެވަޑައިގެންފި އެވެ.

ލީބިޔާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ލީބިޔާގެ ބޮޑުވަޒީރު ޢަލި ޒީދާންއާ އެކު ޓްރިޕޮލީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ކެމެރޮން ވިދާޅުވީ އިނގިރޭސިވިލާތަކީ ލިބިޔާއާ ވަރަށް ގާތް ރަޙްމަތްތެރި ގައުމެއް ކަމަށާއި ލީބިޔާ އަށް ކުރިމަތިވެފައިވާ އަމްނު އަމާންކަން ގެއްލުމުގެ މައްސަލަ ޙައްލުކުރުމަށް ޓަކައި ފަންނީގޮތުންނާއި އެނޫން ވެސް ގޮތްގޮތުން އެހީތެރިވެދިނުމަށް އިނގިރޭސި ސަރުކާރުން ވަޢްދުވާކަމުގަ އެވެ. މިގޮތުުން ލީބިޔާގެ ފުލުހުންނާއި ސިފައިން ތަމްރީންކުރުމުގައި އިނގިރޭސިވިލާތުން ކުރިޔަށްދާނެ ކަމަށާއި އަމްނު އަމާންކަމާއި ހަމަޖެހުން ޤާއިމް ނުކުރެވި ހަގީގީ މިނިވަންކަމާއި ހަގީގީ ޑިމޮކްރަސީ ނުގެނެވޭނެ ކަމަށް ވެސް ކެމެރޮން ވިދާޅުވި އެވެ.

"ލީބިޔާގައި އެނެމް މަތީ ދަރަޖައަށް އަމްނު އަމާންކަން ހަމަޖެހުން ޤާއިމް ކުރުމާއި ޒަމާނީ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ޤާއިމް ކުރުމުގައި އިނގިރޭސިވިލާތް އަބަދު ވެސް އޮންނާނީ ލީބިޔާއާއެކުގައި،" ލީބިޔާގެ ބޮޑުވަޒީރު ޢަލީ ޒީދާންއާ އެކު ބޭއްވި ނޫސްކޮނަފަރެންސްގައި ކެމެރޮން ވިދާޅުވި އެވެ. ކެމެރޮން ލިބިޔާ އަށް ވަޑައިގެންނެވީ އަލްޖަޒާއިރަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު އެވެ. ކެމެރޮން ލީބިޔާ އަށް މިވަޑައިގެންނެވީ ލީބިޔާގެ ބޮޑެތި ސިޓީތަކުގައި އަމާންކަން ނެތްކަމަށްބުނެ ލީބިޔާގެ ގިނަ ސަރަޙައްދުތަކަށް ނުދިޔުމަށާއި އެތަންތަނުގައި ތިބި އިނގިރޭސި ރައްޔިތުން ލީބިޔާ އިން ފުރުމަަށް އިނގިރޭސި ރައްޔިތުންނަށް އިލްތިމާސްކޮށް އިނގިރޭސި ދާޚިލީ ވުޒާރާ އިން ދާދިފަހުން ނެރުނު ޓްރެވެލް އެޑްވައިޒަރީ އަކާ ގުޅިގެން ލީބިޔާ ސަރުކާރުން ރުޅިވެރިކަން ފާޅުކޮށްފައިވަނިކޮށެވެ.

ކެމެރޮން ވަނީ ލީބިޔާގެ ބޮޑުވަޒީރު ޢަލީ ޒީދާންގެ އާއި ދާޚިލީ ވަޒީރު ޢާޝޫރު ޝަވާއިލްގެ އިތުރުން ލީބިޔާގެ ޕާލަމެންޓްގެ ރައީސް ޑރ. މުޙައްމަދުލްމިޤަރީފްއާ ބައްދަލުކުރައްވާފަ އެވެ. ލީބިޔާގެ ކުރީގެ ޒަޢީމް ކާނަލް މުޢައްމަރުލްޤައްޒާފީގެ ވެރިކަން ވައްޓާލުމަށް ފަހު ލީބިޔާގައި ވަނީ އަމްނު އަމާންކަން ގެއްލިފަ އެވެ. ގައްޒާފީގެ ވެރިކަން ވައްޓާލި ހަނގުރާމަވެރިން ނާއި ސިޔާސީ ފަރާތްތަކުން ވަނީ ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ފަހު އެމީހުން އެއްބަޔަކު އަނެއްބަޔަކަށް ލިބިޔާގެ އެތެރޭގައި ތަޅާފޮޅަން ފަށާފަ އެވެ. މީގެއިތުރުން ސިޔާސީ މަޤްސަދްތަކުގައި ވާދަވެރި ޕާޓީތަކާއި ޖަމާއަތްތަކުން މީހުން މެރުމުގެ ޖަރީމާތައް ވެސް ލީބިޔާގައި ހިންގަމުން ގެންދެ އެވެ. (އަލްޖަޒީރާ)