ވ. އަތޮޅު "އަލިމަތާ އަކުއަޓިކް"ރިސޯޓްގައި އިހްތިޖާޖުކުރަމުން ދިޔަ މުވައްޒަފުންނާ ރިސޯޓާ ދެމެދު ހިނގި ކަންތައްތައް ހަމައަކަށް ނޭޅުވުމުން ރިސޯޓުގެ 27 މުވައްޒަފަކު މިއަދު ވަޒީފާ އިން ވަކިކޮށްފި އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި އަލިމަތާ ރިސޯޓްގެ މެނޭޖަރު އަބްދުﷲ ނާޝިޒް ވިދާޅުވީ އެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އެ މީހުން ވަޒީފާ އިން ވަކިކޮށްފައި ވަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ބޭނުން ނުވުމުން ކަމަށެވެ.

އޭނާ ވިދާޅުވީ މުސާރަ އާއި ސާވިސްޗާޖް ބޮޑުކޮށްދިނުމަށް ކަމަށް ބުނެ މުވައްޒަފުން އިހްތިޖާޖު ކުރަން ފެށުމުން އެކަން ހައްލު ކުރުމަށް މަޝްވަރާގެ މޭޒަށް އައުމަށް އެދުމުން މުވައްޒަފުން އެކަމަށް އިންކާރުކޮށްފައިވާ ކަމަށެވެ.

"މުސާރައާ ސާވިސްޗާޖް ބޮޑުކޮށްދިނުމަށް އެދި އިހްތިޖާޖު ކުރަން ފެށުމުން އަޅުގަނޑުމެން ދެންނެވިން ހިނގާށޭ ދެފަރާތުން މަޝްވަރާ ކުރަން. މަޝްވަރާ ކުރުމަށް ފަހު ކުރެވެން އޮތް އެންމެ ރަނގަޅަކަށް ތިކަންތައް ހައްލުކޮށްދޭނަމޭ. އެހެންނަމަވެސް ވާހަކަ ދައްކައިގެން އެކަން ހައްލުކުރާކަށް މުވައްޒަފުން ބޭނުމެއް ނުވި،" ނާޝިޒު ވިދާޅުވި އެވެ.

މަސައްކަތް ހުއްޓާލުމަށް ފަހު މުވައްޒަފުން އިހުތިޖާޖު ކުރަން ފެށުމުން ރިސޯޓުގެ ޚިދުމަތް ހުއްޓުމަކަށް އައިސްފައިވާތީ މަސައްކަތަށް ނުކުތުމަށް އެންގުމުން މުވައްޒަފުން އެ އެންގުމަށް އަމަލު ކޮށްފައި ނުވާ ކަމަށާއި ވަޒީފާ އިން ވަކިކޮށްފައި ވަނީ އެކަމާ ގުޅިގެން ކަމަށް ވެސް ނާޝިޒު ވިދާޅުވި އެވެ.

އިހުތިޖާޖު ކުރަންފެށިތާ ހަތަރު ދުވަސް ފަހުން 27 މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވާ އިރު ވަޒީފާ އަށް ފަރުވާކުޑަކުރި ތިން މުވައްޒަފަކު މިދިޔަ ހަފްތާގެ ތެރޭގައި ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.