01 Feb 2013, 13:34
ނޮންޕެން (ފެބްރުއަރީ 1): މިދިޔަ އޮކްޓޯބަރު މަހު އަވަހާރަވި ކެންބޯޑިޔާގެ ރަސްގެފާނު ނޮރޮދަން ސިންހަނޯކްގެ ޖަނާޒާގެ އާދަޔާ ޚިލާފު ރަސްމިއްޔޔާތު އެ ގައުމުގެވެރިރަށް ނޮންޕެންގައި މިއަދު ހެނދުނުން ފެށިގެން ކުރިޔަށް އެބަދެ އެވެ.
ކެންބޯޑިޔާގެ ރަސްކަމުގެ ދާއިރާތަކުން ހާމަކުރާގޮތުގައި އަވަހާރަވެފައިވާ ރަސްގެފާނު ނޮރޮދަން ސިންހަނޯކްގެ ޖަނާޒާގެ ރަސްމިއްޔާތު ޚާއްސަ ޢިއްޒަތުގައި ދެދުވަސްވަންދެން ކުރިޔަށްދާނެ އެވެ. ދެ ދުވަހުގެ މިރަސްމިއްޔާތު ނިންމާލުމަށް ހަމަޖެހިފައި ވަނީ ސިންހަނޯކްގެ ހަށިކޮޅު އަންދާލުމުންނެވެ. އުމުރުފުޅުން 89 އަހަރުގެ ނޮރޮދަމް ސިންހަނޯކް އަވަހާރަވީ ހިތްހުއްޓުމުގެ އާލާސްކަންފުޅަކަށް ޗައިނާގެ ވެރިރަށް ބެއިޖިންގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެއަށް ފަހު އޭނާގެ ހަށިކޮޅު ކެންބޯޑިޔާ އަށް ގެނަސް ހަނޫތު އަޅައި ކުނިނުވާގޮތް ހަދައި ސަންދޯކުގައި އެޅުމަށް ފަހު ބާއްވާފައި ވަނީ ކެންބޯޑިޔާގެ ރަސްކަމުގެ މައިގަނޑުވަރުގަ އެވެ.
ކެންބޯޑިޔާގެ ރައްޔިތުންގެ އިޢުތިޤާދު އޮންނަގޮތުން ރަސްގެފާނަކީ މުޤައްދަސް ޝަޚްސިއްޔަތެކެވެ. އަދި ރަސްގެފާނަށާއި ޝާހީ ޢާއިލާގެ މެންބަރުންނަކީ ކެންބޯޑިޔާގައި އިންސާނުންގެ ދަރަޖައަށް ވުރެ މާ މަތީބައެކެވެ. ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ކެންބޯޑިިޔާގެ ރަސްކަމަށް ސިންހަނޯކް އިސްކުރެވުނީ 1941 ވަނަ އަހަރު އޭނާގެ އުމުރުން އެންމެ 18 އަހަރުގަ އެވެ. އޭނާ ރަސްކަމަށް އިސްކުރީ އެދުވަސްވަރު ކެންބޯޑިޔާ އިސްތިއްމާރުކޮށެގެންތިބި ފަރަންސޭސި އިސްތިޢްމާރީ ބާރުތަކުންނެވެ. ފަރަންސޭސި އިސްތިޢްމާރީ ބާރުތަކުން ސިންހަނޯގެ މައްޗަށް ކުރި އުންމީދުތައް ފެނަށް ދިޔައީ ވެރިކަމުގެ ބާރުތައް ލިބިވަޑައިގަތުމުން ފަރަންސޭސި އިސްތިޢްމާރުން ކެންބޯޑިޔާ މިނިވަން ކުރުމަށް އޭނާ މަސައްކަތް ފެއްޓެވުމުންނެވެ.
ރައްޔިތުންނާއެކު ސިންހަނޯކް ފެއްޓެވި މަސައްކަތްޕުޅުން ކެންބޯޑިޔާ އަށް މިނިވަންކަން ލިބުނީ 1953 ގައެވެ. ނަވާރަސަތޭކަ ހަތްދިހަ ވަނަ އަހަރު ސިންހަނޯކް ރަސްކަމުން ދުރުކުރީ އެމެރިކާ އަޑީގައި އޮވެގެން ކެންބޯޑިޔާގެ ސިފައިން ގެނައި ޢަސްކަރީ އިންޤިލާބެއްގަ އެވެ. އެ އިންޤިލާބުގެ ވެރިއަކަށް ހުންނެވީ ކެންބޯޑިޔާގެ އަނިޔާވެރި ޖަމާއަތެއް ކަމަށްވާ ކުމޭރޫޖް އާ ގުޅުންހުރި ޖެނެރަލެއް ކަމަށްވާ ޖެނެރަލް ލޮންނޮލް އެވެ. ލޮންނޮލްގެ ވެރިކަމުގައި ކެންބޯޑިޔާ އަށް އަތްގަދަކުރީ ކުމޭރޫޖް ޖަމާއަތުންނެވެ. އެ ޖަމާއަތުންގެ ވެރިކަމުގައި ރައްޔިތުންނާ ދެކޮޅަށް ހިންގި އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޢަމަލުތަކުގައި ކެންބޯޑިޔާގެ މިލިޔަނަކަށް ވުރެ ގިނަމީހުން މަރާލި އެވެ.
ހިންގި އަނިޔާވެރި ޢަމަލުތަކުގެ ތެރޭގައި މާބަނޑު މީހުންގެ ބަޑުފަޅައިގެން ދަރިނަގައި އެދަރިން މެރުން ވެސް ހިމެނެ އެވެ. މިގޮތުުން ކުމޭރޫޖްގެ ވެރިކަމުގައި ސިންހަނޯކްގެ ފަސް ދަރިންވެސް މަރާލި އެވެ. ކުމޭރޫޖް ވެރިކަމުން ދުރުކުރުމަށް ސިންހަނޫކް ގައުމުން ބޭރުގައި މަސައްކަތްކުރެއްވީ ރައީސެއްގެ ގޮތުގަ އެވެ. މިގޮތުން ޗައިނާގައާއި ދެނުކު ކޮރެޔާގައި އަމިއްލައަށް އަރުޥާލެވިގެން ސިންހަނޫކް 13 އަހަރު ހޭދަކުރެއްވި އެވެ. ސިންހަނޫކްގެ މަސައްކަތްޕުޅާ އެކު ކުމޭރޫޖްގެ ވެރިކަން ވައްޓާލި ވިއެޓްނާމްގެ ސިފައިން ކެންބޯޑި އަށް އަރައިގަނެގެންނެވެ. ސިިންހަނޫކް އެނބުރި ގައުމަށް ވަޑައިގެން އަލުން ރަސްކަމަށް އިސްވެވަޑައިގެންނެވީ 1993 ގައެވެ. ދެހާ ނުވަނަ އަހަރު ސިންހަނޫކް އަށް ކެންސަރުގެ އާލާސްކަންފުޅެއް ޖެހިވަޑައިގެެންނެވި ނަމަވެސް ޗައިނާ އިން ހޯއްދެވި ފަރުވާއާ އެކު އެބަލިން އޭނާ ސަލާމަތްވެވަޑައިގެންނެވި އެވެ.
ސިންހަނޫކް ގައުމަށް ކުރެއްވި ޚިދްމަތްތަކުގެ ސަބަބުން އޭނާއަކީ ރަސްކަލެއްގެ އިތުރުން ގައުމީ ބަތަލެއްގެ ގޮތުގައި ވެސް ރައްޔިތުން ބަލައިގަންނަ ބޭފުޅެކެވެ. (ބީ.ބީ.ސީ)