ބާރު ސްޕީޑެއްގައި ސަލްމާން ޚާން ދުއްވަމުން ދިޔަ ކާރަކުން ދުވާރު މަތީގައި ނިދައިފައި ތިބި ބައެއްގެ ގައިގައި ޖެހި އެމީހުންނަށް ބޮޑެތި އަނިޔާތަކެއް ވުމުން ވެސް ކާރު މަޑު ނުކޮށް ދިޔަ ހާދިސާއެއް ކުރިޔަށް ގެންދިއުމަށް އިންޑިޔާގެ ކޯޓަކުން ނިންމައިފިއެވެ. މި މައްސަލަ ސާބިތުވެއްޖެ ނަމަ ސަލްމާން ޚާނަށް ދިހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މީގެ ދިހަ އަހަރު ކުރީން ހިނގައިފައި ވާ މި ހާދިސާއާ ގުޅިގެން ސަލްމާން ޚާންގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ 2002 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ސަލްމާން ޚާން ބާރު ސްޕީޑެއްގައި، ދުވާރު މަތީގައި ނިދައިފައި ތިބި ބައެއްގެ ގައި މަތީން ކާރު ދުއްވައިފައި ކާރު މަޑު ވެސް ނުކޮށް ދިޔަ ކަމަށެވެ. އަދި ކާރު ކޮންޓްރޯލް ނުވެ މުންބާއީގެ ބޭކަރީއެއްގެ ތެރެއަށް ކާރާ އެކު ވަދެފައިވާ ކަމަށް ވެސް ތުހުމަތު ކުރެވިފައިވެއެވެ.

ދުވާރު މަތީގައި ނިދައިފައި ތިބި މީހުންގެ ތެރެއިން އެކަކު މި ހާދިސާގައި މަރުވެފައިވާ އިރު، ސަލްމާން ޚާން ވަނީ އެ ދުވަހުގެ އެ ގަޑީގައި އޭނާ ކާރު ދުއްވައިފައި ނުވާނެ ކަމަށް ބުނެފައެވެ.

"މި މައްސަލައިގައި ކާފީ ހެކި އެބަހުރި. އަދި އެއީ ހަމަ ގަސްތެއް ނެތި ހިނގި ހާދިސާއެއް ނޫން ކަން ވެސް ހެކިތަކުން އެނގޭ. އެހެން ވީމާ މި މައްސަލަ ކުރިޔަށް ގެންދާނީ ވަރަށް ސީރިޔަސް ކޮށް،" މައްސަލަ ކުރިޔަށް ގެންދާނެ ކަން އިއުލާން ކުރައްވަމުން މެޖިސްޓްރޭޓް ވަސަންތް ޕާޓިލް ވިދާޅުވިއެވެ.

މި މައްސަލައިގައި ސަލްމާން ޚާން މި ހިނގާ ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހު ކޯޓަށް ހާޒިރުވާން ޖެހިފައިވާ އިރު، ސަލްމާންގެ ވަކީލު ދިޕޭޝް މެހެތާ ވިދާޅުވީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.