ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލެއްވުމަށް ފަހު ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން ބޭނުންފުޅު ވެވަޑައި ނުގަންނަވާނެ ކަމަށް ރައީސް ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
~
އެމްޑީޕީން "ވަޢުދުގެ ހިނގާލުން" މި ނަމުގައި އެ ޕާޓީން ދޮރުން ދޮރަށް ކުރަމުންދާ ކެންޕޭނުގައި ގަލޮޅު އުތުރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބެއްގައި ވާދަކޮށްގެން މޮޅުވާން ބޭނުންވާ އެއްވެސް ކެންޑިޑޭޓަކު އެމަނިކުފާން ހައްޔަރު ކުރުމަށް ނުވަތަ ޖަލަށް ލުމަށް ނޭދޭނެ ކަމަށެވެ.

"އަޅުގަނޑަކަށް ހީއެއްނުވޭ ދިވެހިރާއްޖޭގެ އެތައް އެތައް ރައްޔިތުންގެ ރިޔާސީ ކެންޑިޑޭޓަކު ޖަލަށް ލާފަ، ދެން އެހެން ތިބި ބޭފުޅުން ވެސް ލަދަކާ ލައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޮޅުވާން އުޅޭ ނެހެން. އަޅުގަނޑެއް ހަމަކަށަވަރުން ވެސް ނުދެކެން މިސާލަކަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ދެކެވަޑައިގަންނަވާނެ ކަމަކަށް އަޅުގަނޑު ހައްޔަރު ކޮށްގެން އަޅުގަނޑު ޖަލަށް ލައިގެން އެބޭފުޅާ މޮޅުވާން އެދޭނެ ކަމަކަށް. އެބޭފުޅާ ވެސް ބޭނުން ވާނީ ވާދަ ކުރައްވައިގެން މޮޅުވާން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައީސް ވަހީދުގެ ސަރުކާރުގައި ތިއްބަވާ ވަޒީރުން އެމަނިކުުފާން ޖަލަށް ލުމުގެ ވާހަކަ އެކި ފަހަރު އެކިގޮތަށް ދައްކަމުންދާ ކަމަށާއި އެހެން ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ބައެއް ވަޒީރުން އެބަ ވިދާޅުވޭ އަޅުގަނޑަށް ހުކުމް ކުރާނަމޭ. އަޅުގަނޑު ޖަލަށް ލާނަމޭ. އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވަން ބޭނުން ވަނީ އެއީ ކުރެވޭނެ ކަމެއް ނޫނޭ. ބައްލަވާ އެ ވާހަކައަށް ބަދަލު އަންނަމުން އައި ގޮތް. އެންމެ ފުރަތަމަ ވިދާޅުވީ އުމުރަށް ޖަލަށް ލާނަމޭ. ދެން ވިދާޅުވީ ދިގު މުއްދަތަކަށް ޖަލަށް ލާނަމޭ. މިހާރު އައިސް ދައުވާ ކުރާން ފެށީ ދެތިން ހަތަރު މަހެއްގެ ހުކުމެއް އަންނަ ދައުވާއެއް. 100 ރުފިޔާގެ ޖޫރިމަނާ އެއް ދައްކަން ޖެހޭ ދައުވާ އެއް ކުރަން ފެށި ދައުވާ އަކީ ވެސް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާން ވިދާޅުވީ ވަޢުދު ވުމަކީ ސިޔާސީ ޕާޓީ ތަކުން ޖެހޭނެ ކަމެއް ކަމަށާއި އެހެން ނަމަވެސް ވަޢުދު ވާއިރު ވާން ޖެހޭނީ ފުއްދައި ދެވޭނެ ވަޢުދު ކަމަށެވެ. ވަޢުދު ވުމަށް ފަހު ފައިސާއިން އެ ވަޢުދު ފުއްދައި ދޭނެ ގޮތް ކިޔައިދޭން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ބިމު އަޑިން ތެޔޮ ނަގާ ވާހަކަ މީހަކު ދެއްކުމުން ގަބޫލު ނުކުރެވޭނެ ކަމަށާއި އެކަން ކުރާނެ ގޮތާއި ހަރަދު ކުރާނެ ގޮތާ ބެހޭ ހުރިހައި ފައިސާ ދާ މިންވަރު ރައްޔިތުންނާ ހަމައަށް ގެނެސްދޭން ޖެހޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.