ކުޑަ ކުއްޖެއްގެ ކަރުގައި އަޅައިފައި އޮތް ރަން ފަށެއް ވަގަށް ނެގި މީހަކު ދެ އަހަރަށް ޖަލަށް ލުމަށް މ. މުލީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ ހުކުމް ކޮށްފައި ވަނީ އެރަށު ތޯތާގޭ، ފަޔާޒް، 27، ގެ މައްޗަށެވެ.

މުލީ މެޖިސްޓްރޭޓް ކޯޓުން އޭނާގެ މައްޗަށް އިއްޔެ އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު އަށްވަނަ ދުވަހުގެ ރޭ 7:26 ހާ އިރު އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖެއްގެ ކަރުގައި އަޅާފައި އޮތް ރަން ފަށެއް ވަގަށް ނަގައިފައިވާކަން ޝަރީއަތަށް ސާބިތު ވުމުންނެވެ.

ފުލުހުން ބުނީ މިދިޔަ އަހަރުގެ ނޮވެންބަރު އަށްވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށް ހަމަ އެރޭ އޭނާ ދޫ ކޮށްލައިފައި ވާ ކަމަށެވެ. އަދި އެރޭ އެ ފަށް ހޯދައި ވެރި ފަރާތާ ހަވާލު ކޮށްފައި ވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.