އެމެރިކާ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިޝެލް ޖޭ ސިސޯން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކުގެ އަރިހަށް މިއަދު އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ްއެ ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮންނަ ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށާއި މިގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް ދެ ބޭފުޅުންގެ ވާހަކަފުޅު ދެއްކެވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމެރިކާ ސަރުކާރުން ރާއްޖެއާ ދޭތެރޭ ބަހައްޓަވަމުން ގެންދެވާ ގާތްކަމާއި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޓަކައި ޝުކުރުއަދާކުރެއްވި އެވެ. އަދި ރާއްޖެ، ބަޔޮސްފިއާ ރިޒަރވަކަށް ހެއްދެވުމަށް ޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު، އެމެރިކާ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން، މިއަހަރަށް ކަނޑައަޅުއްވާފައިވާ ބަޖެޓުގެ ސަބަބުން މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް، ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެއްވެސް ޚިދުމަތަކަށް އުނިކަމެއް ނައިސް އެ ޚިދުމަތްތައް ފޯރުކޮށްދެއްވަމުން ގެންދެވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. އަދި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވަނީ ރާއްޖޭގައި އަމާންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.