31 Jan 2013, 21:02
ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކުރާ އަށް ޓީމުގެ ގުރު ނަގައިފި އެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ ތިން ވަނަ ދުވަހު ހަވީރު 4:05 ގައި ބައްދަލުކުރާ ދެ ޓީމަކީ ބީޖީ ސްޕޯޓްސް ކުލަބާއި މާޒިޔާ އެވެ.
ބީޖީ މުބާރާތުގެ ކުއާޓާފައިނަލުން ޖާގަ ހޯދީ ގްރޫޕް ސީގެ ތިން ވަނަ ޓީމުގެ ގޮތުގައި ހިމެނި ތިން ޕޮއިންޓާއެކުއެވެ. ގްރޫޕް ސްޓޭޖްގައި ބީޖީ ކުޅުނު ތިން މެޗުގެ ތެރެއިން އެޓީމް މޮޅުވި ހަމައެކަނި މެޗަކީ ހުސްވި އަހަރުގެ ޗެމްޕިއަން ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗު 3-1 ލަނޑު ކާމިޔާބު ކޮށްގެންނެވެ. އަދި ބީޖީއާ ދެކޮޅަށް ނިކުންނަ މާޒިޔާ ކުއާޓާފައިނަލުން ޖާގާ ހޯދީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ހަތް ޕޮއިންޓާއެކު އެވެ. ގްރޫޕް ސްޓޭޖްގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި އޭވައިއެލް އަތުން 1-1 ލަނޑުން އެއްވަރުވިއިރު، ގްރޫޕްގެ ދެވަނަ މެޗް މާޒިޔާއިން ކާމިޔާބު ކުރީ ވީބީ އައްޑޫ އެފްސީއާ ވާދަކޮށް 3-1 ލަނޑުންނެވެ. އަދި ގްރޫޕްގެ ފަހު މެޗް މާޒިޔާއިން ކާމިޔާބު ކުރީ އޭދަފުށީ ޒުވާނުންގެ ކުލަބާ ވާދަކޮށް 2-1 ލަނޑުންނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ނިއުރެޑިއަންޓް ސްޕޯޓްސް ކުލަބާއި މަހިބަދޫ ސްޕޯޓްސް ކުލަބެވެ. އެ މެޗް ކުލޭނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު 4:05 ގައެވެ.
ކުއާޓާފައިނަލުގެ ތިން ވަނަ މެޗުގައި އަންނަ މަހުގެ ފަސްވަނަ ދުވަހު، ހަވީރު 4:05 ގައި ބައްދަލުކުރާ ދެ ޓީމަކީ އީގަލްސް އާއި ވީބީ އައްޑޫ އެފްސީއެވެ. އަދި ކުއާޓާފައިނަލުގެ ފަހު މެޗުގައި އަންނަ މަހުގެ ހަވަނަ ދުވަހު ބައްދަލުކުރާ ދެ ޓީމަކީ ކެލާ ނާޅި ސްޕޯޓްސް ކުލަބާއި ކުލަބް ވެލެންސިޔާއެވެ.
ޖުމްލަ 12 ޓީމް ވާދަކުރި މިމުބާރާތުގެ ކުއާޓާފައިނަލުގައި އަށް ޓީމް ވާދަކުރާއިރު، މުބާރާތުން ކެޓި ހަތަރު ޓީމަކީ ހުސްވި އަހަރުގެ ޗެމްޕިއަން ވިކްޓަރީ ސްޕޯޓްސް ކުލަބާއި ކުލަބް ގްރީން ސްޓްރީޓް އާއި އޭވައިއެލް އަދި އޭދަފުށި ޒުވާނުންގެ ކުލަބެވެ.
ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވާ ހަތަރު ޓީމެއް ސެމީ ފައިނަލަށް ދަތުރު ކުރާއިރު، ސެމީގައި މޮޅުވާ ދެ ޓީމެއް ފައިނަލަށް ދަތުރު ކުރާނެއެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ހަވީރު 4:05ގައެވެ.