31 Jan 2013, 20:58
ކުލަބް ވެލެންސިޔާގެ ވަގުތީ މެނޭޖަރު ކަމުގެ މަގާމަށް އަލީ ޝާހިދު (ސްޓެޕް އައްޔަ) ހަމަޖައްސައިފި އެވެ.
ވެލެންސިޔާގެ ޔޫތް ޓީމުގެ މެނޭޖަރު ކަމުގެ މަގާމާ ވެސް ހަވާލުވެ ހުރި، ސްޓެޕް އައްޔަ ބުނީ، ވަގުތީ ގޮތުން ސީނިއާ ޓީމުގެ މެނޭޖަރު ކަމާ ހަވާލު ވީ ކުރީގެ މެނޭޖަރު މުހައްމަދު ހާނިމް އެމަގާމުން އިސްތިއުފާ ދިނުމުން ކުލަބުގެ މެނޭޖްމަންޓުގެ އެދުމުގެ މަތިން ކަމަށެވެ.
ހާނިމް ވެލެންސިޔާގެ މެނޭޖަރު ކަމުގެ މަގާމުން އިސްތިއުފާ ދިނީ އެފްއޭއެމްގެ އާ ރައީސަކަށް އިންތިހާބު ކުރި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަޙްމަދުގެ ބެލެނިވެރި ކަމުގެ ދަށަށް އެ އިދާރާގެ އެންމެހައި ކަންކަން ބަދަލު ކުރެވެންދެން، އުފެއްދި ހަ މެންބަރުގެ ވަގުތީ ކޮމެޓީއަށް އޭނާ ހަމަޖެއްސުމުންނެވެ. އެގޮތުން މިއަދު ހާނިމްގެ ޒިންމާއަކީ އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަގާމެވެ.
ރާއްޖޭގައި މިވަގުތު ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީޕީއެމްގެ އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރު ސްޓެޕް އައްޔަ އަކީ ނެށުމާއި ފިލްމު ކުޅުމުގައި ވެސް އާންމުން ދެކެފަރިތަ މޫނެކެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ކުލަބް ވެލެންސިޔާގެ ފަރިތަކުރުންތައް ފަށާފައި ވާއިރު، އެޓީމުގެ ހެޑް ކޯޗަކަށް ހަމަޖައްސާފައި ވަނީ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ކުރީގެ ކެޕްޓަން، އަދި ނިއުގެ ފަހަތް ބެލެހެއްޓި ބަލްގޭރިޔާގެ ބޮއިކޯފް ކަމެނޯފް އެވެ.