31 Jan 2013, 20:55
ދުނިޔޭގެ ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދާފައިވާ ޖަޕާނުގެ މަޝްހޫރު ހިޓާޗީ ބްރޭންޑްގެ އާ ދެޕްރޮޑަކްޓެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ބާޒާރަށް ނެރެ ވިއްކަން ފަށައިފި އެވެ.
މަސީ އިން ކުރިއަށްގެންދާ ބިލްޑް އެކްސްޕޯގެ ތެރެއިން މިއަދު ދަރުބާރުގޭ ހަކުރާމާލަމުގައި ބޭއްވި ހަފްލާއެއްގައި އެސްޓީއޯއިން އަލަށް ތައާރަފް ކުރި ދެ ޕްރޮޑަކްޓްގެ ތެރެއިން ފްރަންޓް ލޯޑް އޮޓޮމެޓިކް ދޮންނަ މެޝިން ލޯންޗު ކޮށްދެއްވީ ހިޓާޗީ ސައުތު އޭޝިޔާ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ތަރޫން ޖެއިން އެވެ. އަދި ހިޓާޗީ އިންވާޓާ އެއާކަންޑިޝަނަރ ލޯންޗުކޮށް ދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް އެވެ.
ހިޓާޗީގެ ފަރާތުން އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިސްޓަރ ތަރޫން ޖެއިން ވިދާޅުވީ ހިޓާޗީ ބްރޭންޑް ރާއްޖެއަށް ތައާރަފު ކުރެވުނު ފަހުން އެ ބްރޭންޑު ވަނީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އިތުބާރު ކުރެވޭ މަގުބޫލު ބްރޭންޑަކަށް ވެފައި ކަމަށެވެ.
"ހިޓާޗީ ރާއްޖެއަށް އަލަށް ތައާރަފު ކުރެވުނީ 2002 ސެޕްޓެމްބަރުގައި. ވޭތުވެ ދިޔަ ނުވަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ހިޓާޗީ މިހާރުވަނީ ރާއްޖޭގެ ހުރިހާ ގޭބިސީތަކުގައިވެސް ބޭނުން ކުރެވޭ ނަމަކަށް ވެފައި. މި ކަމަށްޓަކައި އަޅުގަނޑުމެން ރާއްޖޭގައި މި ޕްރޮޑަކްޓް ޑިސްޓްރިބިއުޓްކުރާ އަޅުގަނޑުމެންގެ ބައިވެރިޔާ އެސްޓީއޯއަށް ހިޓާޗީގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ތަރޫން ވިދާޅުވި އެވެ.
ހިޓާޗީ ސައުތު އޭޝިޔާ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިތުރަށް ވިދާޅުވީ ހިޓާޗީގެ ލޯގޯގެ ތިރީގައި އެވާ ލިޔުން ކޮޅު "އިންސްޕަޔާ ދަ ނެކްސްޓް" ގައި ވާ ފަދައިން އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ މީސްތަކުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް މުޖްތަމައުއަށް ކަމުދާ ރަނގަޅު އުފެއްދުން ތަކެއް ނެރެދެވޭތޯ އެވެ. އެގޮތުން ހިޓާޗީން ނެރޭ އެފަދަ ކޮންމެ ޕްރޮޑަކްޓެއް ވެސް އުފެއްދުމުގައި ބަލަނީ ތިމާވެއްޓާ ރައްޓެހި، ހަރަދު ކުޑަ އިތުބާރު ކުރެވޭ އުފެއްދުންތަކެއް ކަމަށް ހެދުން ކަމަށެވެ.
އެސްޓޯއިން އަލަށް ބާޒާރަށް ނެރުނު ދެ ޕްރޮޑަކްޓާއި ބެހޭގޮތުން އެކުންފުނީގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް ވިދާޅުވީ މިއަދު އެސްޓީއޯއިން އަލަށް ރާއްޖޭގެ ބާޒާރަށް ނެރުނު ހިޓާޗީގެ ދެ ޕްރޮޑަކްޓްގެ ސަބަބުން އެތަކެތި ބޭނުންކުރާ ރައްޔިތުންނަށް އެބައިމީހުންނަށް ލިބޭ މަދު އާމްދަނީ ކޮޅުން ފެނާއި ކަރަންޓު ބިލްތަކަށް ދައްކަންޖެހޭ އަދަދު ބޮޑުތަނެއް ކުޑަވެގެން ދާނޭ ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި މުދަލެއް ގަތުމަށްފަހު އެއަށް އިތުރު ހަރަދުތަކެއް ކުރުމަކީ އެހާ ރަނގަޅުކަމެއް ނޫން. އަޅުގަނޑުމެން ފެންބިލާއި ކަރަންޓު ބިލްތައް އައިމާ އެ ބޮޑުވެގެން އުޅެން އެބަޖެހޭ. ނަމަވެސް އަޅުގަނޑުމެއް މި އިންޓްރޮޑިއުސް ކުރި ޕްރޮޑަކްޓްސް ތަކަކީ ގަތުމަށްފަހުގައި ފެންބިލް ކުޑަކޮށްދޭ، ކަރަންޓުބިލް ކުޑަކޮށްދޭ ޕްރޮޑަކްޓް ތަކެއް،" އާޒިމް ވިދާޅުވިއެވެ.
ހިޓާޗީއިން އަލަށް ތައާރަފުކުރި ފްރޮންޓް ލޯޑް އޮޓޮމެޓިކް ދޮންނަ މެޝިނަކީ ތަފާތު 15 ގޮތަކަށް ޕްރޮގްރާމް ކުރެވިފައިވާ، ކަރަންޓުގެ ހަރަދު 60 އިންސައްތަ އަދި ފެނުގެ ހަރަދު 58 އިންސައްތަ އަށް ކުޑަކޮށްދޭ މެޝިނެކެވެ. އަދި އެ މެޝިނަކީ އަޑުމަޑު، ވައިބްރޭޝަން ކުޑަ އަދި 90 ދަރަޖައިގެ ހޫނުފެނުން އެއްޗެހި ދޮވެލުމުގެ ކުޅަދާނަކަން ލިބިފައިވާ ދޮންނަ މެޝިނެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން އަލަށް ތައާރަފުކުރި ހިޓާޗީ އިންވާޓާ އެއާކަންޑިޝަނާރ އާއި ބޭހޭގޮތުން އާޒިމް ވިދާޅުވީ، އެ ޕްރޮޑަކްޓަކީ މިވަގުތު ރާއްޖޭގެ ބާޒާރުގައި ވިއްކަންހުރި އިންވާޓާ އޭސީ ތަކުގެ ތެރެއިން ހުރިހާ ބްރޭންޑެއްގެ އޭސީތަކަށް ގޮންޖަހާލެވޭ ވަރުގެ ތިމާވެއްޓާއި ރަހްމަތްތެރި، އަދި ވައިސާފުކޮށްދޭ ނިޒާމަކާއެކު އުފައްދާފައިވާ އެންމެ ހަރަދުކުޑަ އެއާކޮންޑިޝަން ކަމުގަ އެވެ.
އެސްޓީއޯއިން ބުނެފައިވަނީ އެކުންފުނިން މިއަދު ބާޒާރަށް އަލަށް ނެރުނު ދެޕްރޮޑަކްޓްވެސް މިއަދުންފެށިގެން އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުން ލިބެން ހުންނާނެ ކަމަށެވެ.