31 Jan 2013, 20:18
މިރޭ ފުރަން އުޅުނު ފިންލޭންޑްގެ އަންހެން ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނަގައިފައިވާ މައްސަލައެއް ހުށަހަޅައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައި ވަނީ މިއަދު މެންދުރު 2:00 ގައި ކަމަށެވެ.
ފިންލޭންޑްގެ އެ ފަތުރުވެރިޔާއާ ހަވާލާދީ ހަނީފް ވިދާޅުވީ މިރޭ ފުރާ ގޮތަށް ހަމަޖެހިފައި ވާތީ މިއަދުގެ ވަގުތެއްގައި ހުޅުމާލެއަށް ގޮސް ބީޗްސައިޑްގައި އޮށޯވެގެން އޮވެފައި ތެދުވެ ބެލި އިރު ދަބަސް ނެތްކަމަށެވެ.
އޭނާ ވިދާޅުވީ ފަތުރުވެރިޔާއާ ފުލުހުން ސުވާލު ކުރުމުން ދަބަސް ގެއްލުނު ވަގުތެއް ވެސް އަދި ދަބަސް ނެގީ ކޮން ބައެއް ކަން ވެސް ބުނާން ނޭނގޭ ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ. އަދި ދަބަހުގެ ތެރޭގައި އޭނާގެ ވޮލެޓާއި ކެމެރާއަކާއި ޕާސްޕޯޓުގެ އިތުރުން މޯބައިލް ފޯނެއް ވެސް އޮތް ކަމަށް ފަތުރުވެރިޔާ ބުނެފައިވާ ކަމަށް ހަނީފް ވިދާޅުވި އެވެ.
މިހާތަނަށް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ހަނީފް ވިދާޅުވި އެވެ.