ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސެއިން ހުމާމް އަހްމަދު ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އައްޝައިހު އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ ވަކީލަކު ހަމަޖެއްސުމަށް ފަހު މި ހަފްތާގެ ތެރޭގައި ކޯޓަށް އެންގުމަށް ހުމާމަށް ފުރުސަތު ދީފައި އޮތް ނަމަވެސް އޭނާ ވަކީލަކު ހަމަޖައްސާފައި ނުވާކަމަށެވެ.

މަނިކު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް މިއަދު ބާއްވަން އުޅުމުން ވަކީލަކު ހަމަޖެހިފައި ނުވާތީ ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހުމާމް ބުނެފައިވާ ކަމަށެވެ.

އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ހުމާމުގެ މައްޗަށް ދައުލަތުން ކުރި ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އަށް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ.

ހުމާމުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 ހާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި ޑރ. އަފްރާޝީމް ދިރިއުޅުއްވާ ހ. ފުންވިލުގެއަށް އިތުރު ބަޔަކާ އެކު ގޮސް ތޫނު އެއްޗަކުން އޭނާއަށް ހަމަލާދީ މަރާލާފައިވާތީ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ހުމާމު އަފްރާޝީމް މަރާލާފައި ވަނީ ހ. ހިކޯސްޓް އަލީ ޝާނާ ބައިވެރިވެގެން ކަން ތަހުގީގުން އެނގޭ ކަމަށެވެ. އަދި އެ ވަގުތު 18 އަހަރުން ދަށުގެ ކުއްޖަކު އަފްރާޝީމް ދިރިއުޅުއްވާ ގެ ކައިރީގައި ފާރައަށް ހުރި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އެ ދެ މީހުންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިހާރު ގެންދަނީ ދިރާސާ ކުރަމުންނެވެ.