31 Jan 2013, 18:51
ވ. އަތޮޅު "އަލިމަތާ އަކުއަޓިކް" ރިސޯޓްގައި އިހްތިޖާޖުކުރަމުން ދިޔަ މުވައްޒަފުންގެ ތެރެއިން ދެމުވައްޒަފަކު ހައްޔަރުކުރަން އުޅުމުގެތެރޭގައި އިހްތިޖާޖުގެ ބައިވެރިންނާއި ފުލުހުންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގައިފި އެވެ.
އަލިމަތާއިން ވާހަކަދެއްކި މުވައްޒަފަކު ބުނީ ރިސޯޓުގެ މުވައްޒަފުންނާއި ފުލުހުންނާއި ދެމެދު ކުރިމަތި ލުންތަކެއް ހިނގަން މެދުވެރިވީ މުވައްޒަފުންގެ އެލަވަންސެއް ބޮޑުކޮށްނުދީގެން މެނޭޖްމަންޓަށް ޕެޓިޝަން ހުށަހެޅުމުގައި އިސްކޮށް އުޅުނު މުވައްޒަފުން ވަޒީފާ އިން ވަކިކުރި ކަމަށްބުނެ އެކަމާ ދެކޮޅަށް އެ ރިސޯޓުގައި މުވައްޒަފުން އިހްތިޖާޖް ކުރަމުން ދަނިކޮށް އެމަސައްލަ ހައްލުކުރުމަށް މިއަދުގެ ވަގުތެއްގައި ފުލުހުން އެރަށަށް އަރައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ދެމީހަކު ހައްޔަރު ކުރުމަށް މަސައްކަތް ކުރުމުން އިހްތިޖާޖުގެ ބައިވެރިން އެކަމަށް ދެކޮޅު ހެދުމުން ކަމަށެވެ.
"މައްސަލަ ހޫނުވީ އަޅުގަނޑުމެންގެ ތެރެއިން މި އިހްތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވި ދެމުވައްޒަފަކު ގަދަކަމުން ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރީ. ދެން ކުއްލިއަކަށް އެކަން އެނގިގެން އެހެން މުވައްޒަފުން އައިސް އެކަމާއި ދެކޮޅުހަދައި އެމީހުން ހައްޔަރު ކުރުމަށް ހުރަސް އެޅީ. އެހިސާބުން ފުލުހުން ޕެޕަސްޕްރޭ ޖެހީ. އެހިސާބުން މައްސަލަ ހޫނުވީ،" އަލިމަތާއިން ވާހަކަދެއްކި މުވައްޒަފަކު ބުންޏެވެ.
އޭނާ ބުނީ މިވަގުތުވެސް އެރިސޯޓުގައި ގިނައަދަދެއްގެ ފުލުހުން އާދައިގެ ހެދުމުގައި ހަރަކާތްތެރި ވަމުން ދާކަމަށާއި އެހެން ނަމަވެސް މިވަގުތު އެތަނުގެ ހާލަތު ރަނގަޅު ކަމަށެވެ.
ދިވެހި ތިރީސް ހަ މުވައްޒަފަކު ސޮއިކޮށް ހުށަހެޅި އެ ޕެޓިޝަންގައި ބުނަނީ މުވައްޒަފުންނަށް ރިސޯޓުން ދޭ މުސާރަ އާއި ސާރވިސް ޗާޖުން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސޭ ވަރު ނުވާތީ ސާވިސް ޗާޖް މިހާރަށްވުރެ ބޮޑުކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި އެ ރިސޯޓުގެ ކެއުމާއި އެހެނިހެން ބައެއް އަސާސީ ޚިދުމަތްތައް ވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ލިބެމުން ނުދާތީ އެކަންކަން ވީއެންމެ އަވަހަކަށް ރަނގަޅުކޮށް ދިނުމަށް ވެސް މުވައްޒަފުން ވަނީ އެދިފަ އެވެ.
ޕެޓިޝަން ތައްޔާރު ކުރުމުގައި އިސްކޮށް އުޅުނު އަޝާމް ހަސަން، ހޯމަ ދުވަހު ސަންއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މުވައްޒަފުން އެދުނު އެއްވެސް ކަމެއް ހަމަޖައްސައިދެވެން ނެތްކަމަށް މެނޭޖްމެންޓުން ބުނެފައިވާ ކަމަށެވެ. އަދި އެ ޕެޓިޝަންގައި މެނޭޖްމެންޓަށް މުހުލަތެއް ދީފައިވާތީ އެކަމާ ހިތްހަމަނުޖެހޭކަމަށް މެނޭޖުމެންޓުން ބުނުމުން މެނޭޖްމެންޓަށް ދިން މުހުލަތު އަނބުރާ ގެންގޮސް މައާފަށް ވެސް އެދިފައިވާނެ ކަމަށެވެ. ނަމަވެސް މެނޭޖްމެންޓުން އެކަން ގަބޫލު ނުކޮށް ޕެޓިޝަން ތައްޔާރު ކުރުމުގައި އިސްކޮށް އުޅުނު މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައި ކަމަށެވެ.
އަލިމަތާ ރިސޯޓުގައި މިހާރު ކުރިއަށްދާ އިހްތިޖާޖާ ގުޅޭގޮތުން އެރިސޯޓުގެ ބަހެއް މިވަގުތު އަދި ލިބޭގޮތެއް ނުވެއެވެ. ނަމަވެސް ކުރިން ސަންއަށް މައުލޫމާތު ދެއްވަމުން އެރިސޯޓުގެ މެނޭޖަރު އަބްދުﷲ ނާސިރު ވިދާޅުވެފައި ވަނީ އެ ތަނުގައި މައްސަލަތަކެއް ދިމާވެގެން އުޅޭ ކަމަށާއި އެ މައްސަލަތައް ބަލަމުން ގެންދާތީވެ އިތުރު މައުލޫމާތު ދެވެން ނެތްކަމަށެވެ.