31 Jan 2013, 17:39
ސިވިލް ސާވިސްގައި މަސައްކަތް ކުރާ ފަރާތްތަކަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލަ އަކީ ސިޔާސީ ބޭފުޅުން އެ ބޭފުޅުންގެ ނުފޫޒުގެ ބޭނުން ކޮށްގެން ސިވިލް ސާވިސްގައި މަސައްކަތް ކުރާ ފަރާތްތައް ކަތިލަމުން ދާ ކަތިލުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.
ސިވިލް ސާވިސްގެ މެންބަރުންނާއި އިދާރީ މުވަޒަފުން "ދިވެހި ރައްޔިތުންނަށް ޓަކައި ވާ ނަޒާހަތްތެރިކަމުގެ ވަޢުދު" ގައި ސޮއި ކުރުމަށް ޓަކައި ސިވިލް ސާވިސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ލުތުފީ ވިދާޅުވީ ސިޔާސީ ބޭފުޅުން ސިވިލް ސާވިސްގެ ވަޒީފާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަޒީފާގެ ބިރު ދައްކާ ކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އަދި ސިޔާސީ ނުފޫޒުގެ ބޭނުން ކޮށްގެން ވަޒީފާ ދިނުމުގައި ވެސް ތަފާތު ކުރުންތައް ގެންގުޅެމުން ދާ ކަމަށް ލުތުފީ ވިދާޅުވި އެވެ.
"އަޅުގަނޑަށް ހަމަ ޔަގީން ސިވިލް ސާވެންޓުން ކޮރޮޕްޝަނަށް ނޫނެކޭ ބުނެފިއްޔާ ކޮރަޕްޝަނާ ދެކޮޅަށް ބޮޑު އިންގިލާބެއް ގެނެވިދާނެކަން. އަދި ކޮރޮޕްޝަނާ ދެކޮޅު ކިތަންމެ ޕޮރުގްރާމްތަކެއް ހިންގިދާނެ ކަން. އަޅުގަނޑުމެންނަށް މިހާތަނަށް ތަޖުރިބާ ކުރެވިފައި އޮތީ ހަމަ ސިޔާސީ ބައެއް ވެރިންގެ ނުފޫޒުން އަދި އެފަރާތްތަކުން ސިވިލް ސާވެންޓުންނަށް ވަޒީފާގެ ބިރު ދައްކައި ސިވިލް ސާވިސް މުވަޒަފުން ކަތިލެވިގެންދާތަން. ވަޒީފާ ދިނުމުގައި ވެސް އަދި ވަޒީފާގެ ޕްރޮމޯޝަން ދިނުމުގަ ވެސް. މިއީ އަޅުގަނޑުމެންގެ ގައުމުގަ ހިނގާ ކަންތައް. އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ހަގީގަތެއް." ލުތުފީ ވިދާޅުވި އެވެ.
ލުތުފީ ވިދާޅުވީ ދިވެހިރާއްޖެއިން ކޮރޮޕްޝަން ނައްތާލުމަށް މަސައްކަތް ކުރުމަކީ ހަމައެކަނި އޭސީސީގެ ޒިންމާއެއް ނޫން ކަމަށާއި އޭސީސީން ހަމަ އެކަނި މަސައްކަތް ކޮށްގެން އެކަން ނުކުރެވޭނެ ކަމަށެވެ. އެކަމަށް ޓަކައި ސަރުކާރާއި ސަރުކާރުގެ ވުޒާރާތަކާއި ސިވިލްސާވިސްގައި މަސައްކަތް ކުރާ ފަރާތްތަކާއި އަދި ރާއްޖޭގެ ހުރިހައި ރައްޔިތުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިވިލް ސާވިސް އަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ވަޒީފާ އަދާ ކުރަމުންދާ ތަން ކަމަށާއި އަދި އެންމެ ގިނަ ބަޔަކަށް ވަޒީފާ ދޭ ތަން ކަމަށް ވުމުން ސިވިލް ސާވިސްއާ އެކު ސޮއި ކުރެވުނު ނަޒާހަތްތެރި ކަމުގެ ވަޢުދުގެ ސަބަބުން ކޮރަޕްޝަން ނައްތާލުމަަށް ވަރަށް ބޮޑު މަގެއް ކޮށިގެން ދާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ. އަދި ވިދާޅުވީ މީގެ ސަބަބުން ރާއްޖޭގައި އަވަސް މުސްތަގުބަލެއްގައި ކޮރަޕްޝަން ފްރީ ސިވިލް ސާވިސްއެއް ގާއިމް ކުރެވިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.