31 Jan 2013, 17:26
ދޮޅު މަސް ދުވަހުގެ ޗުއްޓީއެއް ނިއްމާލުމަށް ފަހު ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗް ހަންގޭރީގެ އިސްޓަވާން އުރުބާނީ މިއަދު މާލެ އަތުވެއްޖެ އެވެ.
އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކެރެޓަރީ މުހައްމަދު ހާނިމް މިއަދު ވިދާޅުވީ، ޗުއްޓީ ނިއްމާލުމަށް ފަހު ކޯޗް އެނބުރި މާލެ މިއައީ އަންނަ މަހުގެ 12 އަދި 14 ވަނަ ދުވަހު ޕާކިސްތާނާ އެކު ރާއްޖެ ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށުމަށް ކަމަށާއި އެގޮތުން ޓީމުގެ ފަރިތަކުރުންތައް ފެށުމަށް އަދި ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު ކަމަށެވެ. އަދި އެ ދެމެޗަށް ނަގާ ގައުމީ ޓީމުގެ ފައިނަލް ސްކޮޑް ވެސް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް ހާނިމް ވިދާޅުވި އެވެ.
ޕާކިސްތާނާ އެކު ދިވެހި ޓީމުން އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ހަމަޖައްސާފައި މި ވަނީ 2014 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެ މުބާރާތް ރާއްޖޭގައި ބާއްވާތީ އޮޓޮމެޓިކް ޖާގައެއް މިފަހަރު ރާއްޖެ އަށް ލިބިފައި ވުމުން މިއަހަރު ކުޅޭ ކޮލިފައިން މެޗުތަކުގައި ރާއްޖެ ކުޅޭކަށް ނުޖެހެ އެވެ.
އެފްއޭއެމް އިން ބުނީ، ގައުމީޓީމުގެ ކުޅުންތެރިން ހިމެނޭ ކުލަބުތަކަށް މިހާރު ވާނީ އެ ކުޅުންތެރިން އެ ދެމެޗަށް ދޫކުރުމާ ބެހޭ ގޮތުން ސާކިއުލާއެއް ފޮނުވާފައި ކަމަށެވެ.