ސިޔާސީ ހަރަކާތްތައް ހިންގުމަށް އެމްޑީޕީއަށް މާލޭ ސިޓީ ކައުންސިލުން ދީފައިވާ އުސްފަސްގަނޑު ސަރަހައްދު އަތުލާ އިރަށް އެހެން ހިސާބަކުން އެމްޑީޕީއަށް ބިމެއް ދިނުމަކީ ކޮރަޕްޝަން ކަމަށް ޑީއާރުޕީން ބުނެފިއެވެ.

އުސްފަސްގަނޑު ސަރަހައްދާ ކައިރީގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު ވިދާޅުވެފައި ވަނީ އެއް ތަނެއް ނަގާ އިރަށް އަނެއް ތަނަކަށް ޖެހިލާނެ ކަމަށާއި މާލޭ ސިޓީގެ 32 ބިމެއް އެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ވުމުން އުސްފަސްގަނޑު އަތުލާ އިރަށް އެހެން ބިމެއް އެމްޑީޕީއަށް ލިބޭނެ ކަމަށެވެ.

ޑީއާރުޕީ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ދައުލަތުގެ މުދަލާއި ބިންތަކަކީ ހުރިހާ ރައްޔިތުންނަށް ނިސްބަތް ވާ ތަންތަން ކަމަށެވެ. އެހެންކަމުން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އެތަންތަން ހުރި ނަމަވެސް ބޭނުން ހާ ގޮތެއް ހަދައިގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެހެން ޕާޓީތަކުން ވެސް ސިޔާސީ ހަރަކާތް ހިންގަން ބިން ބޭނުން ވެގެން ކައުންސިލްގައި އެދުމުން ނުދެވޭނެ ކަމަށް ވިދާޅުވެފައި އެމްޑީޕީގެ ހަރަކާތްތަކަށް ބިން ދޭނެ ކަމަށް ވިދާޅު ވުމަކީ ސީދާ ކޮރަޕްޝަނަށް މަގުފަހި ވާނެ ކަމެއް ކުރައްވަން ގޮވާ ލެއްވުން ކަމަށެވެ. އަދި އެކަން އޭސީސީން ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސިޓީ ކައުންސިލުން މި ބުނަނީ ތިމަންނަމެންގެ ބެލުމުގެ ދަށުގައި އޮންނަ 32 ބިމެއް އޮވެޔޭ މާލޭގައި އެހެންވީމަ އުސްފަސްގަނޑު ހަމަ ނަގާއިރަށް އެހެން ބިމެއް ދޭނަމޭ އެމްޑީޕީއަށް. ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުއްޓަސް ހުރިހާ ސްޓޭޓް ޕްރޮޕަޓީޒް އާއި ސްޓޭޓްގެ ބިންތަކަކީ ރައްޔިތުންނަށް ހުންނަ ތަންތަން. އެތަން ތަނަކީ ސިޓީ ކައުންސިލްގެ މިލްކެއް ނޫން އެމީހުން ބޭނުން ހާ ގޮތަކަށް ކަންތައް ކުރަން. މޭޔަރު އެހެން ވިދާޅޫވުމަކީ ސީދާ ކޮރަޕްޝަން. އަޅުގަނޑަކީ މާލޭ މީހަކަށް ވެފައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އެހެން ވިދާޅުވީމަ ލަދުވެސްގަނޭ،" ރޮޒެއިނާ ވިދާޅުވިއެވެ.

ލޯކަލް ގަވަރންމަންޓް އޮތޯރިޓީއަށް ފާޑު ވިދާޅުވަމުން ރޮޒެއިނާ ވިދާޅުވީ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށް ވާ ލޯކަލް ގަވަރންމަންޓް އޮތޯރިޓީން މޭޔަރު ދެއްކެވި ވާހަކަފުޅަށް މިހާތަނަށް ވެސް އެއްޗެއް ބުނެފައި ނުވުމާއި އަދި އެފަދަ ކަންކަމުގައި އެ އޮތޯރިޓީން މީގެ ކުރިން ވެސް ހަނު ތިބޭތީ އެކަން ޑީއާރުޕީން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށެވެ.

ކޯޓު އަމުރުގެ ދަށުން ރޭ އުސްފަސްގަނޑާ ހަވާލުވާން ދިޔަ ފުލުހުންނާ މުޚާތަބު ކޮށް އެމްޑީޕީގެ ސަޕޯޓަރުންނާއި އެޕާޓީގެ އިސް ބައެއް ފަރާތްތަކުން ވަރަށް ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައިވާތީ އެ ކަން ވެސް ޑީއާރުޕީން މިއަދު ވަނީ ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.