31 Jan 2013, 17:03
ފަންސާސް ހާސް ރުފިޔާ އާއި ހަމައަށް ކޮންމެ ފަރުދަކަށް ވެސް ލޯން ލިބޭ ސުކީމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ތައާރަފްކޮށްފި އެވެ.
ބިލްޑް އެކްސްޕޯގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ބީއެމްއެލްގެ މެނޭޖާ މާކެޓިން މަބުރޫކާ އަމީލް ޖަލީލް ވިދާޅުވީ "ލުއި އެކްސްޕުރެސް"ގެ ނަމުގައި މިއަދު ތައާރަފްކުރި ލޯން ނަގާ އިރު ރަހުނެއް ބަހައްޓަން ނުޖެހޭނެ ކަމަށާއި އަދި ކޯޓޭޝަނެއް ވެސް ބެންކަށް ހުށައަޅަން ނުޖެހޭ އިރު ގެރެންޓީދޭނެ ފަރާތެއް ވެސް ބޭނުންނުވާ ކަމަށެވެ.
އެ ލޯންގެ އިންޓަރެސްރޭޓަކީ 18 ޕަސެންޓެވެ. އަދި ލޯން ދައްކަން ޖެހޭނީ 46 މަސް ދުވަހުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ބޭންކުން އަލަށް ތައާރަފްކުރި ލުއި އެކްސްޕުރެސް ލޯންގައި 20000ރ. އިން 50000ރ. އާއި ހަމައަށް ލޯން ދޫކުރެ އެވެ. އޭގެ ތެރެއިން މަހު މުސާރަ އަށް މަދުވެގެން މަހަކު 4000ރ. ލިބޭ ފަރާތްތަކަށް 20000ރ. ލޯންގެ ގޮތުގައި ލިބޭ އިރު މަހަކު ދައްކަން ޖެހެނީ 600ރ. އެވެ. އަދި މަހު މުސާރަ އަށް މަދުވެގެން 6000ރ. ލިބޭ ފަރާތްތަކަށް 30000ރ. ލޯންގެ ގޮތުގައި ލިބޭ އިރު މަހަކު ދައްކަން ޖެހެނީ 900ރ. އެވެ. އަދި މަހު މުސާރައިގެ ގޮތުގައި 8000ރ. ލިބޭ ފަރާތްތަކަށް 40000ރ. ލޯންގެ ގޮތުގައި ލިބޭ އިރު މަހަކު ދައްކަން ޖެހެނީ 1200ރ. އެވެ. އަދި މަހު މުސާރައިގެ ގޮތުގައި 10000ރ. ލިބޭ ފަރާތްތަކަށް ލޯންގެ ގޮތުގައި 50000ރ. މަހަކު ދައްކަން ޖެހެނީ 1500ރ. އެވެ.
އޭނާ ވިދާޅުވީ އެލޯން ލިބޭނީ މަތުވެގެން 12 މަސް ދުވަހު ވަޒީފާއެއްގައި އުޅެފައި އަދި މިހާރު އަދާކުރާ ވަޒީފާގައި މަދުވެގެން ހަ މަސް ދުވަހު އުޅެފައިވާ ފަރާތަކަށް ކަމަށެވެ. އަދި އެލޯން ލިބޭނީ އެ މީހަކު މިހާރު ވަޒީފާ އަދާކުރާތަނަކީ ބީއެމްއެލް އާ އެކު ހެދިފައިވާ އެގްރީމެންޓެއްގެ ދަށުން ލުއި އެކްސް ޕްރެސްގެ ހިދުމަތް މުވައްޒިފުންނަށް ދޭ ތަނެއް ކަމުގައި ވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެލޯން ލިބޭނީ މިހާރު ބީއެމްއެލް އިން ދޫކުރާ ލުއި ލޯނެއް ނަގާފައިވާ ފަރާތެއް ނަމަ އެލޯންގެ ފައިސާ އެއްކޮށް ދައްކާ ހަލާސްކޮށްފައިވުމުން ކަމަށް ވިދާޅުވި އެވެ.