06 Oct 2010, 09:52
އަންނަ ޖެނުއަރީން ފެށިގެން ބިދޭސީންގެ ވޯކް ވިސާ ފީގެ ހުރިހާ ކަމެއް ގޭގައި ތިބެގެން ނިންމައިލެވޭނެ ފަދަ ނިޒާމެއް ގާއިމު ކުރަން ފަށާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނެފި އެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން އިލްޔާސް ހުސައިން އިބްރާހިމް މިއަދު ވިދާޅުވީ މެލޭޝިޔާގެ ކުންފުންޏަކުން އެ ޑިޕާޓްމަންޓްގައި ގާއިމް ކުރަމުންދާ ނިޒާމުގެ ސަބަބުން އެ ޑިޕާޓްމަންޓްގެ ހުރިހާ ކަމެއްވެސް ބޮޑުތަނުން ފަސޭހަވެ، ލުއިވެގެންދާނެ ކަމަށާއި ގިނަ ހިދުމަތްތައް ގޭގައި ތިބިގެން ނިންމައިލެވޭވަރު ވާނެ ކަމަށެވެ.
"ވޯކް ވިސާގެ ފައިސާ ދެއްކުމާއި އެ މީހުންގެ އެންމެހާ ކަންތައް ކުރުމަކީ މިހާރު އުފުލަން ޖެހޭ ވަރަށް ބޮޑު ތަކުލީފެއް. ހެނދުނު އައިސް ނަމްބަރު ނަގައިގެން އެތައް ވަގުތެއް ނަގައިލަން ޖެހޭ. އެކަމަކު ޖެނުއަރީން ފެށިގެން ގޭގައި އިނދެގެން އެ މީހާ އަމިއްލައަށް ހުރިހާ ކަމެއް ނިންމާލެވޭނެ،." އިލްޔާސް ވިދާޅުވި އެވެ. "މި ޑިޕާޓްމަންޓް މެދުވެރިކޮށް ކުރަން ޖެހޭ ބިދޭސީންނާ ބެހޭ ހުރިހާ ކަމެއް ގޭގައި ތިބެގެން ކޮށްލެވޭވަރު ކޮށްދޭނަން އަންނަ ޖެނުއަރީ ފެށޭއިރު،"
އޭނާ ވިދާޅުވީ ބިދޭސީ ލޭބަރުން ކޮންމެ ތާކުން ފެނުނު ކަމުގައި ވިޔަސް އެ މީހުންގެ ހާލަތު އިމިގްރޭޝަނާއި އެ ޑިޕާޓްމަންޓުން ހުއްދަދޭ ފަރާތްކަށް އެމީހާގެ ހާލަތު ވަޒަން ކުރެވޭނެ ކަމަށާއި ބިދޭސީ މީހުންގެ އައިޑެންޓިފައި ކުރުމުގައި މިހާރު ދިމާވެފައިވާ މައްސަލަ މުޅިން ހައްލުވާނެ ކަމަށެވެ.
އިލްޔާސް ވިދާޅުވީ މި ނިޒާމް ގާއިމު ކުރުމުގެ ޕްރިޖެކްޓް މެލޭޝިޔާގެ ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ ބީލަމަށްލައިގެން ކަމަށާއި އެ މަސައްކަތަށް އެކުންފުނިން ގާތްގަނޑަކަށް 25 މިލިޔަން ޑޮލަރު ހަރަދު ކުރާނެ ކަމަށެވެ.