10:00


ސިފައިންގެ ގާނޫނަށް އިސްލާހު ގެންނަށް އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރު ކަނޑުވާލައި، އަސްކަރީ އިންގިލާބަކުން ވެރިކަމަށް އައުމަށް ކަމަށް އެމްޑީޕީން ބުނެފި އެވެ.


އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ސިފައިންގެ ގާނޫނު ވަކި ގޮތަކަށް ބައްޓަންކޮށް، ރިޔާސީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުތައް ނިގުޅައިގަނެ، އަސްކަރީ އިންގިލާބަކުން ގާނޫނީ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ހުއްޓުވުމަށްޓަކައި މަޖިލީހުގެ ތެރެއިން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެންބަރުންނަށް ކުރެވެން އޮތް މަސައްކަތެއް މަޖިލީހުގެ ތެރެއިން ކުރާނެ ކަމަށެވެ. އަދި ސިފައިންގެ ގާނޫނީ ޒިންމާއަށް ހުރަސްއެޅޭ ގޮތަށް އެ ގާނޫނު ބައްޓަން ކުރުން އެއީ ގައުމުގެ މަސްލަހަތު ނަގާލުން ކަމަށާއި އެފަދަ ގޮތަކަށް ގާނޫނު ބައްޓަން ކޮށްފިނަމަ ސިފައިންގެ ތެރޭގައި ސިޔާސީ ކުލަޖެހި އަމަންއަމާންކަން ދެމެހެއްޓުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.


ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ގައުމުގެ ސަލާމަތަށްޓަކައި ބައްލަންޖެހޭ ކަންތައްތައް ބެލުމުގެ ބަދަލުގައި، ގައުމީ ސަލާމަތާ ބެހޭ ކަންކަމަށް ފާޑުކިޔައި ނުފޫޒުފޯރުވުމަކީ އެ ކޮމެޓީގެ ޒިންމާއިން ބޭރުވުން ކަމަށެވެ. އަދި ސަރުކާރުން ކުރާ ކަންތައްތައް ހުއްޓުވުމަށްޓަކައި މަޖިލީހަށް އެފަދަ ކަންތައްތައް އެޖެންޑާކުރުން އެއީ ސަރުކާރާ ޒާތީ ގޮތުން ޖައްސައި، މަޖިލީހުގެ ވަގުތު ނަގާލުމަށްޓަކައި ޑީއާރުޕީން ކުރާކަންތައްތައް ކަމަށްވެސް އީސާ ތުހުމަތުކުރެއްވި އެވެ.


ސިފައިންގެ ގާނޫނަށް އިތުރު އިސްލާހު ގެނެސް، އަސްކަރީވެރިކަމަކަށް މަގުފަހިވާ ގޮތަށް އެ ގާނޫނު ބައްޓަން ކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާނަމަ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސްގެ ޖަލްސާތައް ހުއްޓުވުމަށް މުޒާހަރާ އަކަށް ނުކުންނާނެ ކަމުގެ އިންޒާރު ރޭގެ ޖަލްސާގައި ވެސް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވަނީ ދެއްވާފަ އެވެ.


ވޭތުވެދިޔަ ހަފްތާގެ ބުދަ ދުވަހު އޮތް ރައްޔިތުގެ މަޖިލީހުގެ ޖަލްސާ މެދު ކަނޑާލަން ޖެހުނީ ސިފައިންގެ ގާނޫނަށް ގެނައި ދެ އިސްލާހު ކަމުގައިވާ، ސިފައިންގެ އިސްވެރިޔާ އައްޔަންކޮށް ވަކިކުރަންވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮވެގެން ކަމަށާއި ނަމަވެސް ފަހުން ހުށަހެޅި އިސްލާހަކުން ވެސް އެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ދިނުމަށް ފާސްކުރުމުންނެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެ ދުވަހުގެ ޖަލްސާ ނިންމަވާލެއްވީ އެ ކަމުގައި މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން ތަކެއް އުފެދި، ނިޒާމީ ނުކުތާގެ އޮއިވަރެއްގައި މަޖިލީސް ދިގުދެމިގެން ދިއުމުންނެވެ.