ހއ. ހޯރަފުށީ ސީވިއު، ހުސެއިން މުހައްމަދު މަނިކު،61، (ހުސޭނުބޭ) މަރާލި ރޭ އޭނާ މަރާލާފައި އޮތް ގޭގެ ކުރިމަތީގައި އެ މައްސަލައިގައި ދައުވާ ލިބޭ ދެ މީހަކު ތިއްބައި ފެނުނު ކަމަށް ދައުލަތުން ހުށަހެޅި މީހަކު ހެކިބަސް ދީފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ކާކުކަން ނޭނގޭގޮ ތަށް ހެކިބަސް ދެމުން ހެކިވެރިޔާ ބުނީ ހުސޭނުބޭ މަރާލާފައި އޮތް ގެ ކަމަށްވާ ހޯރަފުށީ ސީނާގެ ކުރިމަތިން ސެޕްޓެމްބަރު 27، 2010 ދުވަހުގެ ރޭ 10:00 އެހާކަންހާއިރު އެ މައްސަލައިގައި ދައުވާ ލިބޭ ހޯރަފުށީ ސޯސަންވިލާ ނުއުމާން އަބްދުﷲ އާއި ޅޮހީގޭ މުހައްމަދު ލަތީފް އޭނާ ދުށްކަމަށެވެ.

ހެކިވެރިޔާ ބުނީ އެ ގެއަށް ވަންނަ ދޮރުގައި ކަނައަތުން ހިފަހައްޓައިގެން ބިންމަތީގައި ވައަތުން ވެލިގަނޑު ކޮންނަން ނުއުމާން އިންދާ އޭނާ އަށް ފެނިފައިވާ ކަމަށެވެ. އަދި އެއީ އަނދިރި ވަގުތެއް ކަމަށާއި ނަމަވެސް އެ މަންޒަރު އޭނާ އަށް ރަނގަޅަށް ފެނުނު ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

އެގޭގެ މައި ދޮރުބުޑުގައި ނުއުމާން އިށީދެގެން އިންއިރު އެގޭގެ ކުރިމަތީގައި ސައިކަލެއްގެ މަތީގައި ލަތީފް އިންދާ ފެނުނުކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

މިއަދު ހެކިބަސް ނަގާފައި ވަނީ ނުއުމާނާއި ލަތީފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެންނެވެ. ލަތީފްގެ އިތުރުން އެ މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ ހޯރަފުށީ އުންމީދީމަންޒިލް އަހުމަދު އިބްރާހިމްގެ މައްޗަށެވެ. އެ އެންމެންގެ މައްޗަށް ވެސް ދައުލަތުން ކޮށްފައި ވަނީ ވައްކަންކުރުމުގެ ދައުވާއާއި ޓެރަރިޒަމްގެ ދައުވާ އެވެ.

އެ ތިން މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ހުސޭނުބޭ މަރުވެފައި ވަނީ އެމީހުން އޭނާ ރަހީނުކޮށްގެން އުޅެނިކޮށް ކަމަށް ތުހުމަތު ކުރެވޭތީ އެވެ. އަދި ވައްކަމުގެ ދައުވާ ކޮށްފައި ވަނީ ހުސޭނުބޭގެ ގެއިން އެ ތިން މީހުން ލައްކައަކަށް ވުރެ ގިނަ ރުފިޔާއައި ގިނަ އަދަދެއްގެ ޑޮލަރުތަކެއް ވަގަށްނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ކްރިމިނަން ކޯޓުގެ ގާޒީ ވިދާޅުވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ އަންނަ އަންގާރަ ދުވަހު ކަމަށެވެ.