ޑައިވިންއަށް ގޮސް އުޅުނު ޓޫރިސްޓަކު ދޯނީގެ ބުރަފަތީގައި ޖެހި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ތ. ވޭމަންޑޫ ކައިރީ އޮންނަ ފަޅުރަށެއް ކަމަށްވާ "އެލާ" ކައިރީ އޮތް ސަފާރީއަކުން ވިލުތެރެއަށް ޑައިވިން އަށް ގޮސް އުޅުނު އިޓަލީގެ އަންހެން ޓޫރިސްޓު މީހާ މަރުވީ އޭނާ ޑައިވިނަށް ގޮސް އުޅުނު ދޯނީގެ ބުރަފަތީގައި ޖެހިގެން ކަމަށެވެ.

އަދި އުމުރުން 51 އަހަރުގެ އެ މީހާ ތ. އަތޮޅު ހޮސްޕިޓަލަށް މިއަދު މެންދުރު ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ތ. އަތޮޅު ހޮސްޕިޓަލުން ބެއްލެވި ޑޮކްޓަރުން މަޢުލޫމާތު ދިންކަމަށެވެ.

ތ. އަތޮޅު ހޮސްޕިޓަލުން ބުނީ އަންހެން މީހާގެ ބޮލުގެ ވާތްފަޅިން ހަ އިންޗިހާ ތަން ކަފައިގެން ގޮސްފައިވާ ކަމަށާއި އަދި އަންހެން މީހާގެ ކަނާތްފަރާތު ލޯމަތިން ވެސް ޒަޚަމްތަކެއް ހުރި ކަމަށެވެ.