ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ގްރޫޕް ސީގައި ކުލަބް ގްރީން ސްޓްރީޓްއާ ދެކޮޅަށް ކުޅުނު މެޗް ފަސޭހަކަމާ އެކު 3-7 ލަނޑުން އީގަލަސް އިން ކާމިޔާބުކޮށް، ގްރޫޕްގެ އެއް ވަނަ މަގާމް އީގަލްސް އިން އިއްޔެ ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު އެ މެޗުން އީގަލްސް މޮޅުވެ، ގްރޫޕްގެ އެއް ވަނާގައި އެޓީމް އޮތީ ނުވަ ޕޮއިންޓާ އެކު ފައިދާ 13 ގޯލާއެކު އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖްގައި އީގަލްސް ކުޅުނު ފުރަތަމަ މެޗް އެޓީމުން ކާމިޔާބު ކުރީ، މަހިބަދޫއާ ވާދަކޮށް 6-1 ލަނޑުންނެވެ. ގްރޫޕްގެ ދެ ވަނަ މެޗް އީގަލްސް އިން ކާމިޔާބު ކުރީ ކެލާނާޅިއާ ވާދަކޮށް 5-1 ލަނޑުންނެވެ.

އިއްޔެގެ މެޗުގައި އީގަލްސްގެ ފުރަތަމަ ލަނޑު މެޗުގެ ހަވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ސަމީހް މޫސާ އެވެ. އަދި އޭނަ ވަނީ އިއްޔެގެ މެޗުގައި އީގަލްސްގެ ހަތަރު ވަނަ ލަނޑާއި ފަސްވަނަ ލަނޑު ވެސް ކާމިޔާބުކޮށް ހެޓްރިކް ހަދައިފަ އެވެ. އީގަލްސްގެ ދެ ވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު މުސްލިހު އެވެ. އޭނާ ވެސް ވަނީ އިއްޔެގެ މެޗުގައި އީގަލްސް އަށް ހެޓްރިކް ހަދައިދީފަ އެވެ. އިއްޔެގެ މެޗުގައި އީގަލްސް އިން ޖެހި އެ ޓީމުގެ ތިން ވަނަ ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ސައްފާނެވެ.

އިއްޔެގެ މެޗުގެ ކުރިން މުބާރާތުން ކަޓައިފައި އޮތް ގްރީން ސްޓްރީޓުން ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު އަހުމަދު އަޒުހާން ކާމިޔާބު ކޮށްދިން އިރު ފަހު ލަނޑު އެތީމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އަކުރަމް އިދުރީސް އެވެ.

މި ގުރޫޕްގެ ދެ ވަނަ ޓީމު ކަށަވަރު ވާނީ މިއަދު ހަވީރު ކެލާ ނާޅި ސްޕޯޓްސް އާއި މަހިބަދޫ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުންނެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް މި ދެ ޓީމު ނުކުންނަ އިރު، ދެ ޓީމު ވެސް އޮތީ ތިން ޕޮއިންޓާ އެކު އެވެ. މެޗް ފަށާނީ މިއަދު ހަވީރު 4:05 ގައެވެ.

މި މުބާރާތުގެ ތިން ވަނަ އަށް ދާ ތިން ޓީމުގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ކުއާޓާގެ ޖާގަ ލިބޭ ދެ ޓީމު ވެސް އެނގޭނީ މިއަދު ކުޅޭ ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް ފަހު އެވެ.

ޖުމްލަ 12 ޓީމު ތިން ގްރޫޕަކަށް ބަހައިލައިގެން ކުޅޭ މުބާރާތް ކުރިއަށް ގެންދާނީ ގްރޫޕް ސްޓޭޖުގައި ޓީމުތައް ވާދަކޮށް ނިމޭ އިރު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމާއި، އަދި ތިން ގުރޫޕް އެއްކޮށް ތިންވަނަ އަށް އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެ ޓީމާ އެކު ޖުމްލަ އަށް ޓީމު ކުއާޓާ ފައިނަލުގައި ވާދަކުރާ ގޮތަށެވެ.