31 Jan 2013, 15:19
އައްޑޫ ސިޓީގެ ހިތަދޫ ޕޯސްޓް އޮފީހަށް ފޮނުވާފައި ހުރި މީހުންގެ އެއްޗެހިތަކެއް އޮޅިގެން ކުނިކޮށްޓަށް ގެންގޮސް އަންދާލައިފި އެވެ.
ޕޯސްޓް އޮފީހުގެ ޑިރެކްޓާ ސަލްވާ ޝަފީގް މިއަދު ވިދާޅުވީ އިއްޔެ ޕޯސްޓަށް ލިބިފައި ހުރި ސާމާނުތައް ކުނިގޮނޑަށް ގެންދިޔައީ ޕޯސްޓަށް ލިބިފައި ހުރި 46 ބޭގް ޕްރޮސެސްކުރުމަށް ފަހު ކަސްޓަމަރުންނާ ހަވާލުކުރާ ހަރުގައި އަޅުވަން ނަގާފައި ހުއްޓައި ކަމަށެވެ. ސަލްވާ ވިދާޅުވީ އެތަކެތި އާންމުކޮށް ހަރުގައި އަޅުވާނީ ހަވީރު ކަމަށާއި އަދި ބޭގްތައް ނެތްކަން އެނގުނީ ހަވީރު އެއްޗެއްހި ތައް ހަރުގައި އަޅުވަން ނަގަން ބެލި އިރު ނެތުމުން ވީ ގޮތް ސާފުކުރުމުން ކަމަށެވެ. އޭރު އެތަކެތި ހުރީ ކުނިކޮށްޓަށް ގެންގޮސް އަންދާލާފައި ކަމަށް ވެސް ސަލްވާ ވިދާޅުވި އެވެ.
ސަލްވާ ވިދާޅުވީ ޕޯސްޓަށް ލިބޭ ޕާރުސަލްތައް ވެސް ބަހައްޓާފައި ހުންނާނީ ޑިސްޕޯސަބަލް ބޭގްތަކުގައި ކަމަށާއި އެހެންވެ ކުނި ބަލައި ދިޔަ މީހުންނަށް އޮޅުނީ ކަމަށް ބެލެވޭ ކަމަށެވެ.
ނަމަވެސް އެއީ ވެގެންވާނެ ގޮތެއް ނޫން ކަމަށާއި ކަން ހިނގައި ދިޔަ ގޮތް ފުލުހުންނާ ގުޅިގެން ބަލަމުން އަންނަ ކަމަށް ސަލްވާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންތެރެއިން ސީނިއާ ދެ ބޭފުޅުން އެކޮޅަށް ގޮސް ފުލުހުންނާ ގުޅިގެން ތަހުގީގުކުރޭ އެބަ އެކަން. އެއީ އެކްސިޑެންޓަކުން ހިނގި ކަމެއްތޯ ނޫނީ މީހެއްގެ އިހުމާލަކުން ދިމާވެފައިން ކަމެއްތޯ ބަލަން." ސަލްވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަނދައިގެން ދިޔަ އެއްޗެހީގެ ބަދަލުދޭނެ ކަމަށާއި އަދި އެހެންވެ ޕޯސްޓު އޮފީހަށް އެއްޗެއް ގެންދާއިރު ކަސްޓަމަރުގެ މައުލޫމާތު ނަގާފައި ހުރުމުން އެ ލިސްޓުގައި ހުރި ފަރާތްތަކާ މިހާރު ގުޅާ މައުލޫމާތު ސާފުކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފިޒިކަލީ ބަދަލު ނުދެވޭނެ. އެހެންވެ އެ މައުލޫމާތު ސާފުކުރަމުން މިދަނީ،" ސަލްވާ ވިދާޅުވި އެވެ.