ބްރޯޑްކާސްޓިން މީޑިއާތަކުން އެއްވުންތައް ލައިވް ކުރާ ނަމަ އެއް މިނިޓް ލަސްކޮށް މުޒާހަރާތައް ލައިވް ކުރުމަށް އެއްވެ އުޅުމުގެ ގާނޫނުގައި ލާޒިމްކޮށްފައި އޮތުމުން އެގޮތައް މީޑިއާތަކުން އަމަލު ކުރަން ފައިފި އެވެ.

މުޒާހަރާތައް ލައިވް ކުރުމާ ގުޅޭ ގޮތުން ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނުގެ 55 ވަނަ މާއްދާގައި ބުނެފައި ވަނީ ބްރޯޑްކާސްޓިން މީޑިއާއަކުން އެއްވުމެއް ލައިވް ކުރާ ނަމަ އެކަން ކުރަން ވާނީ 60 ސިކުންތު ނުވަތަ އެއް މިނިޓް ލަހުން ކަމަށެވެ. އެއް މިނިޓް ލަހުން މުޒާހަރާ ލައިވް ކުރުމުގެ ބޭނުމަކީ އެއްވުމެއްގައި ދެކެވޭ ވާހަކައެއް ނުވަތަ ކުރާ ކަމަކީ ބްރޯޑްކާސްޓިން ކުރުމުގެ މިންގަނޑާ ހިލާފު ކަމެއް ކަމުގައިވާ ނަމަ އެ ވާހަކައެއް ނުވަތަ އެ ކަމެއް ބްރޯޑްކާސްޓު ނުކުރުމަށް ފުރުސަތު ދިނުން ކަމަށް ގާނޫނުގައި ބުނެ އެވެ.

އެއްވުންތައް އާންމުކޮށް ލައިވް ކުރަމުންދާ ރާއްޖެ ޓީވީން ރޭ އެމްޑީޕީގެ އެއްވުން ލައިވްކޮށްފައި ވަނީ އެއް މިނިޓް ލަސްކޮށެވެ. ރާއްޖެ ޓީވީގެ ސިއީއޯ އަބްދުﷲ ޔާމީން މިއަދު ވިދާޅުވީ އެއްވެޅުމުމުގެ ބިލުގައި މީޑީއާތައް އަމަލު ކުރަން ޖެހޭނެ ގޮތް ލާޒިމްކޮށްފައިވާ އުސޫލުން އެ ސްޓޭޝަނުން އަމަލު ކުރަން ފަށާފައިވާ ކަމަށާއި ރޭ އެމްޑީޕީން ބޭއްވި އެއްވުން ވެސް ލައިވްކޮށްފައި ވާނީ އެއް މިނިޓް ލަސްކޮށް ކަމަށެވެ.

އެއްވުމެއް ލައިވް ކުރާނަމަ އެއް މިނިޓް ލަހުން ބްރޯޑްކާސްޓް ކުރުމަށް ގާނޫނުގައި ލާޒިމްކޮށްފައި އޮތުމުން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ އެކަން މޮނީޓާ ކުރަން ޖެހޭނީ ބްރޯޑްކާސްޓިން ކޮމިޝަނުން ކަމެއް ގާނޫނުގައި އެނގެން ނެތް ކަމަށެވެ. އަދި އެކަމުގައި ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރަމުން ގެންދާ ކަމަށް ޝަހީބު ވިދާޅުވި އެވެ.