31 Jan 2013, 13:44
މުޒާހަރާތައް ކަވަރު ކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިން ބްރޯޑްކާސްޓިން ކޮމިޝަނުން ހުއްދަ ނަގަން ޖެހޭ ގޮތަށް އެއްވެއުޅުމުގެ ބިލުގައި ބަޔާންކޮށްފައިވާ މާއްދާއަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.
ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ބާރު ބްރޯޑްކާސްޓިން ކޮމިޝަނަށް ދީފައިވާ، އެއްވެ އުޅުނުގެ ބިލުގެ 54 ވަނަ މާއްދާއަށް ސަރުކާރުން އިސްލާހު ހުށަހަޅުއްވާފައި ވަނީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ. ރިޔާޒު ހުށަހެޅުއްވި އިސްލާހުގައި ނޫސްވެރިން އެކްރެޑިޓް ކުރުމާއި މުޒާހަރާތައް ކަވަރު ކުރާ ނޫސްވެރިންނަށް ހުއްދަ ދިނުމުގެ ބާރު ލިބިދީފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށެވެ.
މިހާރު އަމަލު ކުރަމުންދާ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބުނެފައި ވަނީ އެއްވުންތަކާ ގުޅޭ މައުލޫމާތު ފެތުރުމަށް ޓަކައި ހަރަކާތްތެރިވާ ނޫސްވެރިންނަކީ، ބްރޯޑްކާސްޓިން ކޮމިޝަނުން އެކްރެޑިޓްކޮށްފައިވާ ނޫސްވެރިންނަށް ވާން ޖެހޭނެ ކަމަށެވެ. އެ ގާނޫނު ފާސްވާތާ ތިން މަސް ދުވަހުގެ ތެރޭގައި ބްރޯޑްކާސްޓިން ކޮމިޝަނުން ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދެއް ހަދައި، އިއުލާން ކުރަންވާނެ ކަމަށް ގާނޫނުގައި ބުނެ އެވެ. އެއްވެއުޅުމުގެ ގާނޫނު މި މަހުގެ 10 ގައި ތަސްތީގުކޮށްފައި ވުމުން، އެޕްރީލް މަހުގެ ކުރީކޮޅު ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގާވާއިދު ބްރޯޑާސްޓިން ކޮމިޝަނުން ހަދަން ޖެހޭނެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު މިއަދު ވިދާޅުވީ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު ހެދުމުގެ މަސައްކަތް އެ ކޮމިޝަނުން ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މާޗް މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޝަހީދު ވިދާޅުވި އެވެ.
"ނޫސްވެރިން އެކްރެޑިޓް ކުރުމުގައި އަޅުގަނޑުމެން ބަލާނެ އުސޫލުތަކާއި ހަމަތައް ގަވާއިދު ހަދަން ފެށުމާ އެކު މަޑުމަޑުން ހާމަކުރަމުންދާނަން. އަދި ކިރިޔާ އެ މަސައްކަތް އަޅުގަނޑުމެން ފަށައިގަތީ،" ޝަހީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ބާރު ބްރޯޑްކާސްޓިން މީޑިއާ އަށް ފާރަވެރިވާން އޮތް ކޮމިޝަނަށް ލިބިދީފައި ވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި ވިދާޅުވީ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ބާރު ލިބިދޭން ޖެހޭނީ ހުރިހާ މީޑިއާތައް ރެގިއުލެޓް ކުރުމުގެބާރު އޮތް މީޑިއާ ކައުންސިލަށް ކަމަށެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ތައްޔާރު ކުރައްވައި ކޮމެޓީން ދިރާސާކޮށް ފާސްކުރި ގާނޫނުގައި ބުނެފައިވާ ގޮތުން އެއްވުތަކާއި މުޒާހަރާތައް ރޫޅާލުމަށް ފުލުހުން އަޅާ ފިޔަވަޅުތައް ގާތުން ބަލައި އެކަންކަން ރިޕޯޓް ކުރުމަށްޓަކައި ހަރަކާތްތެރިވާ، އެކްރެޑިޓް ނޫސްވެރިންނަށް ފުލުހުން ވިޔަސް އަދި އާންމުން ވިޔަސް ހުރަސްއަޅައިގެން ނުވާނެ ކަމަށް ގާނޫނުގައިވެ އެވެ. ނަމަވެސް އެއްވުމަކާ ގުޅޭ ގޮތުން ގެނެސްފައިވާ ހަނިކުރުމެއް ތަންފީޒު ކުރުމަށްޓަކައި އެކަށީގެންވާ ދުރުމިނެއްގައި ނޫސްވެރިން ތިބުމަކީ، ނުވަތަ ބޭތިއްބުމަކީ ފުލުހުންނަށް ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި އެކަން ކުރުމަކީ ނޫސްވެރިންނަށް ހުރަސްއެޅީ ކަމަށް ނުބެލެވޭނެ ކަމަށް އެ މާއްދާގައި ބުނެ އެވެ.
ނަމަވެސް ބްރޯޑްކާސްޓިން ކޮމިޝަނުން އެކްރެޑިޓްކޮށްފައިވާ ނޫސްވެރިޔަކު އެއްވުމުގެ ބައިވެރީންގެ އަމަލުގައި ބައިވެރިވަނީކަން ފާހަގަ ކުރެވޭ އަމަލެއް ކޮށްގެންނުވާނެ އެވެ. ނަމަވެސް އެފަދަ އަމަލަކީ ކޮބައިކަން ގާނޫނުގައި ބަޔާންކޮށްފައިނުވެ އެވެ. އަދި އެފަދަ އަމަލެއްކޮށްފި ނަމަ، އެ ނޫސްވެރިޔަކީ އެއްވުމުގެ ބައިވެރިއެއް ކަމުގައި ބަލައި، އެ އުސޫލުން އަމަލު ކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެ އެވެ.
މުޒާހަރާތައް ލައިވް ކުރުމާ ގުޅޭ ގޮތުން އެ ބިލުގެ 55 ވަނަ މާއްދާގައި ބުނަނީ ބްރޯޑްކާސްޓިން މީޑިއާއަކުން އެއްވުމެއް ލައިވް ކުރާ ނަމަ އެކަން ކުރަން ވާނީ 60 ސިކުންތު ނުވަތަ އެއް މިނިޓް ލަހުން ކަމަށެވެ. އެއް މިނިޓް ލަހުން މުޒާހަރާ ލައިވް ކުރުމުގެ ބޭނުމަކީ އެއްވުމެއްގައި ދެކެވޭ ވާހަކައެއް ނުވަތަ ކުރާ ކަމަކީ ބްރޯޑްކާސްޓިން ކުރުމުގެ މިންގަނޑާ ހިލާފު ކަމެއް ކަމުގައިވާ ނަމަ އެ ވާހަކައެއް ނުވަތަ އެ ކަމެއް ބްރޯޑްކާސްޓު ނުކުރުމަށް ފުރުސަތު ދިނުން ކަމަށް ގާނޫނުގައި ބުނެ އެވެ.