31 Jan 2013, 13:35
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ބޮޑެތި އުޅަނދު ފަހަރު ދެނެ ގަތުމަށް ރާއްޖޭގެ އުތުރުން ދެކުނަށް ހަތް ސަރަހައްދެއްގައި އޮޓަމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭއައިއެސް) ހަރުކޮށްފި އެވެ.
އެމެރިކާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އޭއައިއެސް ސިސްޓަމް ހަރުކުރި ސަރަހައްދުތަކަކީ އެމްއެންޑީއެފުން މިހާރު ވެސް ޑިއުޓީ ކުރަމުންދާ ސްޓޭޝަންތައް ކަމަށްވާ، ހއ. އުލިގަމާއި ޅ. މާފިލާ ފުއްޓާއި ވިލިމާލެ އާއި ޏ. ފުވައްމުލަކާއި ގއ. ކާޑެއްދޫ އާއި ލ. ކައްދޫގެ އިތުރުން ސ. ގަން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އޮޓަމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް ތައާރަފް ކުރުމަށް ކޯސްޓްގާޑް ބިލްޑިންގްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުހައްމަދު ނާޒިމް އިނގިރޭސި ބަހުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެފަދަ ސިސްޓަމެއް ރާއްޖޭގެ ސަރަހައްދުތަކުގައި ގާއިމުކުރުމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު އެކަށީގެން ގޮތެއްގައި މޮނިޓާކޮށް ބެލެހެއްޓޭނެ ކަމަށެވެ. އެގޮތުން ކަނޑުމަތީގައި ދިމާވާ ނުރައްކާތަކާއި ހާދިސާތައް ހިނގާ ސަރަހައްދަކަށް ފަސޭހަކަމާ އެކު އެހީތެރިކަން ފޯރު ކޮށްދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި މިހާ ބޮޑު ކަނޑުގެ ސަރަހައްދެއް އޮންނަ އިރު އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރު އެކަށީގެން ގޮތެއްގައި ބެލެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ އޭއައިއެސް ސިސްޓަމް ރާއްޖޭގައި ގާއިމް ކުރުވުމުން އެފަދަ އުޅަނދު ފަހަރާ ބެހޭ މައުލޫމާތު އަވަށްޓެރި ގައުމުތަކާ ހިއްސާކުރެވި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ވެސް ބެލެހެއްޓޭނެ ކަމަށެވެ. އަދި ރާއްޖެ އިން މިހާރު ދަނީ އިންޑިއާ އާ ސްރީލަންކާ އެކު އަންނަ މާޗް މަހު އެގްރިމެންޓެއްގައި ސޮއިކުރުމަށް ތައްޔާރު ވަމުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
"މި ދުވަސްވަރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޕައިރެސީ މައްސަލަ ކަމަށް ވާހިނދު މިސަރަހައްދުން ބޯޓަކަށް އެފަދަ ހާލެއްގައި ޖެހިއްޖެ ނަމަ އަޅުގަނޑުމެންނަށް ވަގުތުން މޮނިޓާ ކުރެވޭނެ. އެފަދަ ހާދިސާއެއް ހިނގާފާނެ ކަމަށް ބެލެވޭ ނަމަ އެ ބޯޓަކުން ވެސް އަޅުގަނޑުމެންނަށް އެ މައުލޫމާތެއް ހިއްސާ ކުރެވޭނެ. އެހެންވީމާ އަޅުނޑު ގަބޫލު ކުރަނީ އެފަދަ މައުލޫމާތު އަވައްޓެރި ގައުމުތަކާއި ހިއްސާ ކުރުމުން އިންޑިއަން އޯޝަން ރީޖަންގެ ސަލާމަތީ ކަންކަން ރައްކާތެރި ކުރެވޭނެ،" ނާޒިމް ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ ކޮމިއުނިކޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ލެފްޓިނެންޓް ތޮލްހަތު ހަސަން ވިދާޅުވީ އެ ރަސްމިއްޔާތުގައި ވިދާޅުވީ މި ފަހަރު އޭއައިއެސް ސިސްޓަމް ހަރު ކުރި ސަރަހައްދުތަކުން ރާއްޖޭގެ މުހިއްމު ހުރިހާ ސަރަހައްދުތަކެއް ވެސް ބަލައިލެނޭ ކަމަށެވެ. އަދި އޭއައިއެސް ސިސްޓަމް ހަރުކޮށްފައި ހުރި އުޅަނދެއް ދަތުރުކުރާ ނަމަ އެ އުޅަނދެއްގެ މައުލޫމާތު މާލޭގެ ހެޑްކްއާޓާ އަށާއި އެހެން ސަރަހައްދުތަކުގެ ބޭސްތަކަށް ވެސް ލިބޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އޭއެސް ސިސްޓަމް ރާއްޖޭގައި ދަތުރުކުރާ ވަކި ބޮޑު މިނެއްގެ ހުރިހާ އުޅަނދު ފަހަރުގައި ހަރުކުރުމަށް ކަމާ ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް އެއީ ކިހާ ބޮޑު މިނެއް ކަމެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ އެކަން ކުރަން ޖެހޭނީ އަމިއްލަ ޚަރަދުގައި ކަމަށެވެ.
އޮޓަމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭއައިއެސް)ގެ ދެ ދަރަޖަ އެއް ބާޒާރުގައި ލިބެން ހުރެ އެވެ. އެއީ ކްލާސް އޭ އަދި ކްލާސް ބީ އެވެ. އޭގެ ތެރެއިން ކްލާސް އޭގެ ސިސްޓަމްގެ އަގު ބާޒާރުގައި އުޅެނީ ގާތްގަނޑަކަށް ދޮޅު ލައްކަ ރުފިޔާއަށެވެ. އޭގެ ރޭންޖަކީ 40 ނޯޓިކަލް މޭލެވެ. ކްލާސް ބީ ސިސްޓަމެއްގެ އަގު ބާޒާރުގައި އުޅެނީ ގާތްގަނޑަކަށް 25 ހާސް ރުފިޔާ އަށެވެ. އޭގެ ރޭންޖަކީ 15 ނޮޓިކަލް މޭލެވެ.