31 Jan 2013, 13:28
އައިފޯން އުފައްދާ، އެމެރިކާގެ މަޝްހޫރު އެޕަލް ކުންފުނިން ކޮރެއާގެ ސެމްސަން ކުންފުނީގެ މައްޗަށް ދައުވާ ކޮށްފައިވާ ޕޭޓަންޓް އިންފްރިންޖްމެންޓް ކޭހުގައި އެކުންފުންޏަށް ލިބެންޖެހޭ ގެއްލުމުގެ ބަދަލު ކަމަށް ކުރިން ހުށަހަޅާފައިވާ އަދަދު ބޮޑުކޮށްދިނުމަށް ކޯޓުގައި އެދުމުން ފަނޑިޔާރު އެކަމަށް ދެކޮޅު ހައްދަވައިފި އެވެ.
އެ ކުފުންނީގެ ޓެކްނޮލޮޖީ ސެމްސަންގުން ބޭނުން ކޮށްފައިވާ ކަމަށް ބުނެ އެމެރިކާގެ ކޯޓެއްގައި އެޕަލްއިން މައްސަލަ ޖެއްސުމުން ގެއްލުމުގެ ބަދަލު ގޮތުގައި 1.05 ބިލިޔަން ޑޮލަރު އެޕަލްއަށް ދިނުމަށް ކޯޓުން ސެމްސަންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ. އަދި އެ އަދަދު އެޔަށް ވުރެ މަތިކުރަން އެޕަލްއިން އެދުމުން ފަނޑިޔާރު ވިދާޅުވީ ކުރިން ކޮށްފައިވާ ހުކުމަށް ބަދަލު ނުގެނެވޭނޭ ކަމަށާއި އަދި އެޕަލްއިން ވެސް އެގޮތަށް އެއްބަސް ވާންޖޭހޭނެ ކަމަށެވެ.
އަދި އެޕަލް އާއި ސެމްސަން އިން އެ މައްސަލައިގެ ޝަރީއަތް ދެވަނަ ފަހަރަށް ބާއްވައި ދިނުމަށް އެދުމުން ކެލިފޯނިއާގެ އެ ކޯޓުން ބުނެފައިވަނީ ވަކި ގޮތަކަށް ނިމިފައިވާ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށާއި އެގޮތަށް މައްސަލަ ކުރިއަށް ގެންގޮސްގެން ދެފަރާތުގެ ހައްގު ހޯދިދާނެ ކަމަށް ނުދެކޭ ކަމަށެވެ.
އެޕަލްއިން ފައިލްކުރި އެ ކޭހުގެ ޝަރީއަތުގައި ހުކުމް ކުރި އިރު ކޯޓުން ވަނީ ސެމްސަންއިން އެޕަލްގެ ހަ ޓެކްނޮލޮޖީއެއް ބޭނުން ކޮށްފައިވާކަން ސާބިތު ވާ ކަމަށް ނިންމައިފަ އެވެ. އެގޮތުން އައިޕެޑާއި އައިފޯނުގެ ފީޗާސްތައް ސެމްސަންގެ ފަހުގެ އާލާތްތަކުގައި ބޭނުން ކޮށްފައިވާކަމަށް ކޯޓަށް ސާބިތުވާކަމަށް ނިންމާފައި ވެއެވެ.
އެޕަލްއާއި ސެމްސަންގެ މި ވާދަވެރި ހަނގުރާމައިގެ ހުޅުގަނޑު އިތުރަށް ބޮޑުވެގެން ދިޔައީ ހުސްވި އަހަރުގެ އޮކްޓޯބަރު ހިސާބުގައި ސެމްސަންގ އިން އެޕަލް އައިފޯން5 ގައި އެމީހުންގެ އަށް ޓެކްނޮލޮޖީއެއް ހިމަނާފައި ވާކަމަށް ތުހުމަތު ކުރުމުންނެވެ. އަދި ސެމްސަން އިން ބުނެފައިވަނީ އެމެރިކާގެ ކޮޕީރައިޓް ލޯގެ ދަށުން އެމައްސަލައިގައި ފިޔަވަޅު އަޅާނޭ ކަމަށެވެ.
އެމެރިކާގެ ނޯދަން ޑިސްޓްރިކްޓް އޮފް ކެލިފޯނިއާގައި، ޕޭޓަންޓް (ފިކުރީ ހައްގު)ގެ މައްސަލައިގައި މި ދެކުންފުނީގެ ދެމެދުގައި ހިނގާ އަރައިރުންތަކުގެ ޝަރީއަތެއް ދެން އެންމެ އަވަހަށް ބާއްވާން ތާވަލުކޮށްފައި ވަނީ 2014 އަހަރަށެވެ.
އެޕަލްއާއި ސެމްސަން ގެ މެދުގައި އަރައިރުންތައް އެންމެ ފުރަތަމަ ފެށޭން މެދުވެރިވީ ސެމްސަން ގެލެކްސީ ސީރިޒްގެ ފޯނުތަކުގައި އެޕަލްގެ ޓެކްނޮކޮޖީސްތައް ހިމަނާފައިވާ ކަމަށް ބުނެ 2012 ވަނަ އަހަރުގެ ފެބުރުވަރީ 8 ވަނަ ދުވަހު އެމައްސަލަ އެމެރިކާގެ ކޯޓަކަށް ހުށަހެޅުމުންނެވެ.