31 Jan 2013, 13:19
ރާއްޖޭގައި މޯބައިލް ފޯން ބޭނުންކުރާ މީހުންގެ އަދަދު 2011 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު އިތުވެއްޖެ އެވެ.
ޓެލެކޮމް ޕޭޕާގައި ބުނާ ގޮތުން 2011 ވަނަ އަހަރުގެ ނިޔަލަށް މޯބައިލް ފޯންގެ ޚިދުމަތް ބޭނުންކޮށްފައި ވަނީ 549،418 މީހުންނެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މޯބައިލް ފޯން ބޭނުންކޮށްފައި ވަނީ 560،547 މީހުން ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި ޕޯސްޓްޕެއިޑް ބޭނުން ކޮށްފައި ވަނީ 71،463 މީހުންނެވެ. އަދި މިދިޔަ ނޮވެމްބަރުގެ ނިޔަލަށް ޕްރީޕެއިޑް ބޭނުންކުރި މީހުންގެ އަދަދަކީ 489،084 މީހުން ކަމަށް ވެސް އެ ނޫހުގައިވެ އެވެ.
ކޮމިއުނިކޭޝަން އޮތޯރިތީގެ ހިސާބުތަކަށް ރިއާޔަތްކޮށް އެ ނޫހުގައި ބުނެފައި ވަނީ 2011 ވަނަ އަހަރު ލޭންޑްލައިން ބޭނުންކޮށްފައި ވަނީ 24،282 މީހުންކަމަށާއި ނަމަވެސް މިދިޔަ ނޮވެމްބަރުގެ ނިޔަލަށް ލޭންޑްލައިން ބޭނުންކޮށްފައި ވަނީ 24153 މީހުން ކަމަށެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ލޭންޑްލައިން ބޭނުން ކުރާ މީހުންގެ ނިސްބަތް 2011 ވަނަ އަހަރު އުޅެނީ 7.47 ޕަސެންޓްގަ އެވެ. ނަމަވެސް މިދިޔަ ނޮވެމްބަރުގެ ނިޔަލަށް 7.43 އަށް އެ އަދަދު ދައްވެފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
ދެހާސް އެގާރަ ވަނަ އަހަރުގެ ނިޔަލަށް 18،549 މީހުން ބްރޯޑްބޭންޑް އިންޓަނެޓް ބޭނުން ކޮށްފައިވާ އިރު މިދިޔަ ނޮވެމްބަރުގެ ނިޔަލަށް ބްރޯޑްބޭންޑް އިންޓަނެޓް ބޭނުންކޮށްފައި ވަނީ 18،059 އަށް ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.