06 Oct 2010, 09:52
ކޮޕީ ރައިޓާ ބެހޭ ގާނޫނުން ހިމާޔަތްކޮށްފައިވާ ހައްގަކަށް އުނިކަމެއް އަތުވެދާނެ އަމަލެއްކޮށްފި ނަމަ، ފަންސާސް ހާސް ރުފިޔާ އާއި ތިން ލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާ ގޮތަށް ބިލުގައި ހިމަނައި، ކޮޕީ ރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބިލުގައިވާ ގޮތުން އެ ގާނޫނުން ހިމާޔަތްކޮށްފައިވާ އެއްވެސް ހައްގަކަށް އަރައިގަނެފާނެކަމުގެ އަމަލެއް ކޮށްފާނެ ކަމަށް ގަބޫލުކުރެވޭ ފަދަ ސަބަބުތަކެއް ކުރިމަތިވެއްޖެ ނަމަ އެކަމެއް ނުކުރުމަށް އަމުރު ކުރުމުގެ ބާރު ކޯޓަށް ލިބިގެންވެ އެވެ. އަދި އެފަދަ އަމަލަކާ ގުޅިގެން ކޯޓުން ކުރާ އަމުރަކަށް ކިޔަމަން ނުވެއްޖެ ނަމަ މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި އެ ފަރާތެއް ދިހަ ހާސް ރުފިޔާ އާއި އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމުގެ ބާރު ވެސް މި ގާނޫނުން ކޯޓަށް ވަނީ ލިބިދީފަ އެވެ.
މި ބިލަށް މެންބަރުން ހުށަހަޅުއްވާފައިވާ އިސްލާހްތަކަށް ވޯޓަށް އެއްސެވުމަށް ފަހު މުޅި ބިލު މަޖިލީހުން ފާކުރަން ފެނޭތޯ ބެލުމަށް ނެންގެވި ވޯޓުގައި ބިލު ފާސްކުރައްވާފައި ވަނީ، އެ ވަގުތު ޖަލްސާގައި ތިއްބެވި، 68 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މިއަދުގެ ޖަލްސާގައި ޖަލުތަކާއި ޕެރޯލްގެ ބިލް ވެސް ވަނީ މަޖިލީހަށް ބަލައިގެންފަ އެވެ. އެ ބިލް މަޖިލީހަށް ބަލައިގަތީ ވޯޓަށް އެއްސެވި އިރު ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެ ބިލު ދިރާސާކުރުމަށް ފޮނުވީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށެވެ.
ދޫންޏާއި ޖަނަވާރު ރާއްޖެ އަށް އެތެރެކުރުކުގެ ބިލުގެ ބަހުސް ކުރިއަށް ދަނިކޮށް، ދެގަޑި ހަތެއްގައި ކޯރަމް ގެއްލިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ހުއްޓަވައިލައްވައިފަ އެވެ.