31 Jan 2013, 13:01
ހއ. ތަކަންދު އަށް މަސްތުވާތަކެއްޗާއި މަނާ ބޭސް އެތެރެކުރަން އުޅުނު އަންހެނަކާއި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ތަކަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް އެ އަތޮޅު ދިއްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރީ އުމުރުން 43 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނެއް ކަމަށެވެ.
އަދި އެ ދެ މީހުން ހައްޔަރުކުރީ ތަކަންދު އަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 23 ވަނަ ދުވަހު ހަވީރު 5:45 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި އެ ދެ މީހުން ހައްޔަރުކުރީ މާލެ އިން ފުރައިގެން ތަކަންދު އަށް ދިޔަ ބޯޓަކުން އެ ރަށު ބަނދަރަށް ފޭބި ވަގުތު ކަމަށެވެ.
މަސްތުވާތަކެތި ފެނިފައި ވަނީ އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވަގުތު އުމުރުން 43 އަހަރުގެ މީހާ އެއްޗެއް އެއްލާލި ތަން ފެނިގެން އެ ސަރަހައްދު ބަލައި ފާސްކުރި އިރު އެސަރަހައްދުންނާއި އޭނާގެ ހަށިގަނޑު އިތުރަށް ބަލައި ޗެކްކުރި އިރު އޭނާގެ ފުރަގަސް ފަރާތުގައި ފޮރުވާފައި ހުއްޓައި ކަމަށް ފުލުހުން ބުނެ އެވެ.
ބަނދަރު މަތިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓް ފެނިފައިވާ އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ނުވަ ސެލޯފިންކޮޅު ފެނިފައި ވަނީ އޭނާގެ ފުރަގަސް ފަރާތުންނެވެ. މީގެ އިތުރުން ވެސް އެ ދެމީހުން ގެންދިޔަ ތަކެތި އިތުރަށް ބަލައި ފާސްކުރި އިރު އުމުރުން 43 އަހަރުގެ މީހާ އަތުން ވަނީ މަނާ ބޭސްތަކެއް ކަމަށް ބެލެވޭ ބޭސްތަކެއް ވެސް ފެނިފަ އެވެ.
އެ މައްސަލައިގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާ އެކު ފ. ފީއަލިން ވަނީ 30 އަހަރުގެ މީހަކު ވެސް ހައްޔަރުކޮށްފަ އެވެ.
އެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު ފީއައްޔަށް ދިޔަ ފެރީއަކުން ފޭބި ވަގުތު ވަނީ ހައްޔަރުކޮށްފަ އެވެ.