31 Jan 2013, 12:37
ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗަކަށް ހަމަޖެއްސި ސްލޮވާކިޔާގެ ވަލްޑަމީރު ގޮފާ މިއަދު ހެނދުނު މާލެ އަތުވެއްޖެ އެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ވިކްޓަރީގެ ހެޑް ކޯޗްކަމާ ގޮފާ ހަވާލުވެފައިވާ އިރު، މީގެ ކުރިން އޭނަ ވަނީ ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށާއި ހުއްރިޔާ އަށް ކޯޗް ކަން ކޮށްދީފަ އެވެ.
ވިކްޓަރީން އެކުލަބުގެ ޖެނަރަލް މެނޭޖަރަކަށް އަލަށް ހަމަޖެއްސި އެ ޓީމާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު އިބްރާހިމް (ކައްޕި) ވިދާޅުވީ، އާ ކޯޗާ އެކު ޓީމުގެ ފަރިތަކުރުންތައް ދެ ދުވަހެއްގެ ތެރޭގައި ފެށޭވަރު ވާނޭ ކަމަށާއި އެގޮތުން ފަރިތަކުރުންތައް ފަށާނީ މުޅިން އާ ސްކޮޑަކާ އެކު ކަމަށެވެ.
މުޅިން އަލަށް ވިކްޓަރީން ބޭރުގެ ކޯޗެއް މި އަހަރުގެ ސީޒަނަށް ހޯދި އިރު، މިދިޔަ އަހަރު އެ ޓީމަށް ކުޅުނު 18 ކުޅުންތެރިއަކު ވަނީ ކުލަބް ދޫކޮށް، މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި އެހެން ކުލަބުތަކަށް ބަދަލުވެފަ އެވެ. އޭގެ ތެރޭގައި ކެޕްޓަން އަހުމަދު ޝާފިއު އާއި މުހައްމަދު އުމެއިރު އާއި އަކްރަމް އަބްދުލްޣަނީ އަދި މުހައްމަދު ޝިފާން (ކުޑައްޓޭ) ހިމެނެ އެވެ.
ވިކްޓަރީގެ އާކޯޗް މާލެ އައުމުގެ ކުރިން ސަންއަށް ދިން އިންޓަވިއުއެއްގައި ބުނީ، ރާއްޖޭގެ ފުޓްބޯޅައަށް އާ ކުރިއެރުންތަކެއް އަންނަމުންދާ އިރު، ހުސްވި ސީޒަނުގައި ވިކްޓަރީ އަށް ކުރިމަތިވި ނާކާމިޔާބީން އަރައިގަނެވޭނީ އެ ޓީމާ އަލަށް ގުޅުނު ކުޅުންތެރިންނާއި މެނޭޖްމަންޓު ގުޅިގެން މަސައްކަތްތަކެއް ކޮށްގެން ކަމަށާއި މިހާރުއްސުރެ އެ މަސައްކަތް ކުރުމަކީ ވަރަށް ބުއްދިވެރި ގޮތެއް ކަމަށެވެ. އަދި މިއަހަރު ވިކްޓަރިއަށް ކާމިޔާބީ ހޯދައިދިނުމުގައި ދެމިހުންނާނެ ކަމަށް ވެސް އޭނަ ބުންޏެވެ.
މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި އެއްވެސް ކާމިޔާބެއް ނުލިބި ހުސްއަތާ ސީޒަން ނިންމާލަން ޖެހުނު ވިކްޓަރީގެ ކޯޗުކަމުން އަލީ ސުޒޭން އިސްތިއުފާދިނީ ވިކްޓަރީގެ ހިންގާ ބޯޑާ، އަދި ހާއްސަކޮށް ކުރީގެ ޗެއާމަން އީވާ އަބުދުﷲއާ މައްސަލަ ޖެހިގެންނެވެ. އީވާ މަގާމުން އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.