ސަރުކާރާއި ރައްޔިތުން ހިއްސާވާ ޕަބްލިކް ކުންފުނި، އެމްޓީސީސީ އަށް މިދިޔަ އަހަރު 24.1 މިލިއަން ރުފިޔާ ފައިދާ ވެފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީގެ ވެބްސައިޓްގައި މިއަދު އާންމުކޮށްފައިވާ ކުއާޓާ ރިޕޯޓްގައި ވާގޮތުން އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ވަނީ 31.1 މިލިއަން ރުފިޔާގެ ފައިދާއެއްވެފަ އެވެ. އަދި އެ ކުންފުންޏަށް ފުރަތަމަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ލިބިފައިވާ އިރު ދެ ވަނަ ކުއާޓާގައި 4.2 މިލިއަން ރުފިޔާ އަދި ތިން ވަނަ ކުއާޓާގައި 3.8 މިލިއަން ރުފިޔާ އެކުންފުންޏަށް ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ އެމްޓީސީސީ އިން 579 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވާ ކަމަށް އެ ކުންފުނީގެ ހިސާބުތަކުން ދައްކަ އެވެ. އަދި ޓެކްސްގެ ގޮތުގައި 12 މިލިއަންް ރުފިޔާ ދައްކާފައިވެ އެވެ.

އެމްޓީސީސީ އަށް 2011 ވަނަ އަހަރު ވަނީ 8.03 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލާންޖެހިފަ އެވެ. އަދި ހިއްސާދާރުންނަށް ފައިދާ ބަހާފައެއް ވެސް ނުވެ އެވެ.