އޭޝިޔާ ސަރަހައްދުގައި މަގުބޫލުކަން ހޯދާފައިވާ މެލޭޝިޔާގެ ގައުމީ އެއާލައިން "މެލޭޝިޔާ އެއާލައިންސް" އިން އަންނަ މަހު އެއް ވަނަ ދުވަހުން ފެށިގެން ވަން ވޯލްޑް ގްލޯބަލް އެއާލައިން އެލަޔަންސްއާ ގުޅުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް އެ އާލައިންސުން ބުނެފި އެވެ.

މެލޭޝިޔާ އެއާލައިންސް އަށް 40 އަހަރު ފުރޭ މުނާސަބަތާ ވެސް ގުޅުވައިގެން އެ އެއާލައިންސް އިން ދުނިޔޭގެ އެންމެ މަޝްހޫރު އަދި ވަރުގަދަ އެއާލައިން އެލަޔަންސް އާ ގުޅުން ބަދިހިކުރުމުން އެ އެއާލައިންސްގެ ކަސްޓަމަރުންނަށް އިތުރު ފައިދާތަކަކާ އެކު ރަނގަޅު ހިދުމަތްތަކެއް ހަމަޖެހިގެން ދާނޭ ކަމަށް މެލޭޝިޔާ އެއާލައިން އިން ބުނެފައިވެ އެވެ.

ހުކުރު ދުވަހު މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ވަންވޯލްޑްގެ ބައިވެރިއެއްގެ ގޮތުގަ އެވެ. އަދި ވަންވޯލްޑް ގްލޯބަލް އެއާލައިން އެލަޔަންސް އާއި މޭލޭޝިއަން އެއާލައިން ރަސްމީކޮށް ގުޅުމުގެ ހަފުލާގައި ބައިވެރިވެ އާ މެންބަރަށް މަރުހަބާ ކިޔުމަށް ކުއާލަ ލަމްޕޫރުގެ އެއާޕޯޓަށް ވަންވޯލްޑް ގްލޯބަލް އެއާލައިން އެލަޔަންސްގެ މިހާރުގެ ބައިވެރިންގެ އިސްވެރިން ހާޒިރުވާނެ އެވެ.

ވަންވޯލްޑް ގްލޯބަލް އެއާލައިން އެލަޔަންސް އުފެދިގެން 15 އަހަރު ފާއިތުވީ އިރު އެ ޖަމިއްޔާ އިން ވަނީ ދުނިޔޭގެ ފެންވަރުގެ ގިނަ އެވޯޑް ތަކަކާއި ކާމިޔާބުތަކެއް ހާސިލުކޮށްފަ އެވެ. ވަންވޯލްޑްގައި މިހާރު ހިމެނޭ އެއާލައިންތަކުގެ ތެރޭގައި އެއާބާލިން އެމެރިކަން އެއާލައިންސް، ބްރިޓިޝް އެއާވޭސް، ކެތީ ޕެސިފިކް، ފިންއެއާ، އައިބީރިއާ، ޖަޕާން އެއާލައިންސް، އެލްއޭއެން، ގަންތަސް، ރޯޔަލް ޖޯޑޭނިއަން، އަދި އެސް އެއާލައިންސް ހިމެނެ އެވެ.

މެލޭޝިޔަން އެއާލައިންސް އިން ވަންވޯލްޑްގައި ބައިވެރިވާ ތައްޔާރުވެފައިވާ އިރު ސްރީލަންކަން އެއާލައިންސް އާއި ގަތަރު އެއާވޭސްއިންވެސް ދަނީ ވަންވޯލްޑް ގްލޯބަލް އެއާލައިން އެލަޔަންސްގައި ބައިވެރިވުމުގެ ތައްޔާރީތައް ވަމުންނެވެ.