ހަނިމާދޫން އިންޑިއާގެ ޓުރެވަންޑުރަމް އަށް ފަށަން ހަމަޖެހިފައިވާ ފުރަތަމަ ފްލައިޓްގެ 99 ޕަސެންޓް ޓިކެޓް ވިކިފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ހަނިމާދޫ އާއި ޓުރެވަންޑުރަމްއާ ދެމެދު އަންނަ ހޮނިހިރު ދުވަހު ފަށަން ހަމަޖައްސާފައިވާ ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބެމުބެމުން އަންނަ ކަމަށާއި އެގޮތުން ފުރަތަމަ ފްލައިޓްގެ 99 ޕަސެންޓް ޓިކެޓް ވިކިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ދެ ފްލައިޓް އިން ދަތުރުކުރައްވާ ފަރާތްތަކަށް ވިސާގެ ކަންތައް އައިލެންޑް އޭވިއޭޝަންގެ ފަރާތުން ހަމަޖައްސައިނުދެވޭ ކަމަށާއި ނަމަވެސް ތިން ވަނަ ފްލައިޓުން ފެށިގެން ޓިކެޓާ އެކީ ވިސާ ލިބިގެން ދާނެ ކަމަށެވެ.

"ވިސާގެ ކަންތަކުގައި އަދި އަޅުގަނޑުމެނަށް މިއެއްބަސް ވެވުނީ އިންޑިއަން އެންބަސީއާ އެކު މިކަންކުރާނެ ގޮތަށް. އެހެންކަމުން އެބަބޭނުންވޭ 10 ވަރަކަށް ދުވަސް އެހެންކަމުން ފުރަތަމަ ފުލައިޓް އަކަށް އަޅުގަނޑުމެނަށް ހަމަޖައްސައެއްނުދެވޭ. ތިން ވަނަ ފުލައިޓް އިން ފެށިގެން އަޅުގަނޑުމެން ވިސާގެ ކަންތައްތަށް ހަމަޖައްސައިދޭނަން،" ނަޝާތު ވިދާޅުވި އެވެ.

މިއަންނަ ހޮނިހިރު ދުވަހުން ފެށިގެން ފަށާ ހަނިމާދޫ އާއި ޓުރެވަންޑުރަމަށް ކުރާ ދަތުރުތަކުގެ ޓިކެޓް ފުރަތަމަ ތިން މަސް ދުވަހު ވިއްކުމަށް ހަމަޖައްސާފައި ވަނީ ރިޓާން 199 ޑޮލަރަށް (3068.58ރ.) އަށެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ ތިން ވަނަ ދަތުރުން ފެށިގެން އައިލެންޑް އޭވިއޭޝަންގެ ޓިކެޓާ އެކު އިންޑިއާގެ ވިސާ ވެސް ހަމަޖެހިގެންދާނެ ކަމަށެވެ. އެ ދަތުރުތަކުގައި ބޭނުންކުރުމަށް ނިންމާފައި ވަނީ މޯލްޑިވިއަންގެ 50 ގޮނޑީގެ ޑޭޝް ބޯޓުތަކެވެ.