ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ހަމަޖައްސަވައިފި އެވެ.

މިހާތަނަށް އެ އިނާމު ދެއްވަމުން ގެންދަވާފައި ވަނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.

މި އަހަރުގެ މިނިވަންދުވަސް ދިމާވަނީ ރޯދަ މަހަށް ކަމަށް ވާތީ ޤައުމީ އިނާމާއި ޚާއްޞަ އިނާމު ދެއްވުމަށް ބާއްވަވާ ޖަލްސާ އޮންނާނީ، ރޯދަ މަހުގެ ފަހުން އޯގަސްޓް މަހުގެ ތެރޭގައި ކަމަށް ވެސް ރައީސް އޮފީހުން މިއަދު ބުންޏެވެ. އެ ޖަލްސާ ބާއްވަވާނެ ތާރީޚު، ފަހުން އިޢުލާނު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ޤައުމީ އިނާމާއި ޚާއްޞަ އިނާމަށް ނަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުއްވާލެއްވުމާ ބެހޭ ގޮތުން ކުރައްވަން ޖެހޭ ކަންތައްތައް، ޤައުމީ އިނާމާ ބެހޭ ކޮމިޓީންނާއި ޚާއްޞަ އިނާމާ ބެހޭ ކޮމިޓީން ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.