31 Jan 2013, 11:09
އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އާސެނަލްގެ ފަރިތަ ކުރުންތަކުގައި ބައިވެރިވިޔަސް، އެ ކުލަބުގެ ސްކޮޑުން އޭނައަށް ޖާގައެއް ނެތް ކަމަށް މީޑިއާ ރިޕޯޓް ތަކުން ބުނެފި އެވެ.
އެމެރިކާގެ އެލްއޭ ގެލެކްސީއާ އެކު ބެކަމް ހަދައިފައިވާ ކޮންޓްރެކްޓް ނިމިގެންދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ހަމަވުމުން އޭނާ އަދި ރަސްމީކޮށް އެއްވެސް ކުލަބަކާ ގުޅިފައި ނުވާއިރު، އާސެނަލްގެ ފަރިތަކުރުންތަކުގައި އޭނަ ބައިވެރި ވާތީ ގިނަ ބަޔަކު އަންނަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.
އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނީ، ބެކަމް އާސެނަލްއާކު ފަރިތަކުރުން ތަކުގައި ބައިވެރިވަނީ އޭނަގެ ފިޓްނަސް ރަނގަޅު ކުރުމަށް ކަމަށެވެ. އަދި ބެކަމްއަކީ ވެންގާގެ ގާތް ރަހުމަތްތެރިއެއް ކަމަށް ވެންގާގެ އެޖެންޓު ވެސް ދާދިފަހުން ވަނީ ބުނެފައެވެ.
އުމުރުން 37 އަހަރުގެ ބެކަމް ގެންދަން ޗައިނާ އާއި ގަތަރާއި ފްރާންސްގެ ބައެއް ކްލަބްތަކުން ޝައުގުވެރިކަން ފާޅު ކޮށްފައިވާއިރު، އިނގިރޭސި ގައުމީ ޓީމްގެ ކުރީގެ ކޯޗު ސްވެން ގޯރާން އެރިކްސަން ދާދި ފަހުން ބުނެފައި ވަނީ ބެކަމްއަށް އަދިވެސް އެންމެ މަތީ ދަރަޖައިގައި ކުޅެވިދާނެ ކަމަށެވެ.
މިހާރު އެރިކްސަން ކޯޗުކޮށްދެމުންދާ ޔޫއޭއީގެ ދުބާއީ އަށް ނިސްބަތްވާ ކުލަބެއް ކަމަށްވާ އައްނަސްރަށް ބެކަމް ގެންނާން ބޭނުންވާ ކަމަށް ވެސް އެރިކްސަން ބުނެފައިވެ އެވެ.
ފުޓްބޯޅަ ކެރިޔަރު އަދި ނިންމައިލާން ބޭނުން ނުވާ ބެކަމް ގެލެކްސީގެ ކޮންޓްރެކްޓް ނިންމައިލީ އެ ކުލަބަށް ބޮޑު ކާމިޔާބެއް ހޯދައިދިނުމަށް އެހީތެރިވެދީފަ އެވެ. އޭނާ ވަނީ ގެލެކްސީއަށް އެމްއެލްއެސް ކަޕް ކާމިޔާބު ކޮށްދިނުމުގައި އެހީތެރިވެދީފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑަށް ކުޅުނު ބެކަމް އެމެރިކާ ލީގަށް ބަދަލުވީ 2007 ވަނަ އަހަރު އެވެ. އެމެރިކާ ލީގުގެ އޯފް ސީޒަނުގައި އޭނާ ވަނީ ދެ ފަހަރަކު އިޓަލީގެ އޭސީ މިލާނަށް ކުޅެފަ އެވެ. މިހާރު ބެކަމް ހޯދުމަށް ޕްރެމިއާ ލީގުގެ ވެސްޓް ހާމް ޔުނައިޓެޑާއި ކުއީން ޕާކްސް ރޭންޖާސް (ކިޔުޕީއާރް) އިން މަސައްކަތް ކުރަމުން ދާ ކަމަށް ހަބަރު ލިބެ އެވެ.