މަސްތުވާތަކެތީގެ 20 ރަބަރު ޕެކެޓާ އެކު މާލެއިން ހައްޔަރު ކުރި މީހަކު އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ފަހު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް އިއްޔެ ކޮށްފައި ވަނީ ގއ. ދާންދޫ ފެބްރުވަރީގޭ ސައިފުﷲ ހަސަންގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރު 11:55 ހާއިރު ގ. އަބާގޭ ކައިރިން ސައިފުﷲ ހިނގާފައި ދަނިކޮށް ފުލުހުން އޭނާ ހައްޔަރުކޮށް ހަށިގަނޑު ބަލައި ފާސްކުރި އިރު އޭނާގެ ފަޓުލޫނުގެ ޖީބުން މަސްތުވާތަކެތި ފެނިފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެ ހުކުމްގައި ބުނަނީ އޭނާގެ ފަޓުލޫނުގެ ޖީބުން ފެނިފައި ވަނީ އިންސިއުލޭޝަން ޓޭޕް އޮޅާފައިވާ 20 ރަބަރު ޕެކެޓް ކަމަށާއި އެ ރަބަރު ޕެކެޓްތަކުގައި ހުރިތަކެތި ތަހުލީލު ކުރިއިރު އޭގައި 23.4930 ގްރާމް ޑައިމޯފިން (ހެރޮއިން) ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.

ސައިފުﷲ ދައްކަންޖެހޭ އެއްލައްކަ ރުފިޔާގެ ޖޫރިމަނާގެ ފައިސާ އިއްޔެ އިން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވެއެވެ.