ސާޅީސް ނުވަ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފިއެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރުން ހޯދުމަށް އިއުލާންކޮށްފައި ވަނީ މިއަދު ކަމަށެވެ. އެގޮތުން އިއުލާންކޮށްފައިވަނީ ކޯޓް އިސްމެޖިސްޓްރޭޓްކަމުގެ 41 މަގާމާއި މެޖިސްޓްރޭޓް ކަމުގެ އަށް މަގާމަށް ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

އެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ކުރިން މިކަމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރުމަށްފަހު އެ ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން އިއްޔެ ކުރި އިއުލާންގައި ބުނަނީ މެޖިސްޓްރޭޓުންގެ އަސާސީ މުސާރައަކީ 18،500ރ. ކަމަށެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 4000ރ. ލިބޭއިރު ރިސްކު އެލަވަންސްގެ ގޮތުގައި 600ރ. ލިބޭނެކަމަށް ވެސް އެ އިއުލާންގައި ވެއެވެ.

އިސް މެޖިސްޓްރޭޓުންނަށް މުސާރައިގެ ގޮތުގައި މަހަކު 21،000ރ. ލިބޭއިރު ލިވިން އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 4000ރ. އާއި ރިސްކު އެލަވަންސްގެ ގޮތުގައި 600ރ. ލިބޭނެކަމަށް ވެސް ޖޭއެސްސީގެ އިއުލާންގައި ވެއެވެ.