06 Oct 2010, 09:14
ސ. ހިތަދޫއަށް އެހެލާފައި ހުރި ދޯންޏެއްގައި އަލިފާން ރޯންވެ މިއަދު އަނދައި ހުލިވެއްޖެ އެވެ.
މި ހާދިސާގައި ދޯނި ފިޔަވައި އެހެން އެއްޗަކަށް ވެސް މީހަކަށް ވެސް ގެއްލުން ލިބިފައެއް ނުވެ އެވެ.
މިއަދު އަލިފާން ރޯވެ އަނދައިގެން ދިޔަ 30 ފޫޓުގެ ކުޑަ ދޯނި ވެރިޔާ ސ. ހިތަދޫ ބަހާރީގޭ އަހުމަދު އަބްދުﷲ ބުނީ އޭނާގެ ކުޑަ ދޯނީގައި އަލިފާން ރޯވީ ނޫން ކަމަށާއި ބަޔަކު މީހުން ޕެޓްރޯލްޖަހައި ރޯކޮށް އަންދާލީ ކަމަށެވެ.
ފުލުހުން ބުނީ ހިތަދޫގައި އަލިފާން ރޯވެ އެނދީ އެހެލާފައި ހުރި ކުޑަ ދޯންޏެއް ކަމަށާއި މިހާރު އަލިފާންގަނޑު ނިވާލައި އެކަން ހިނފާއިވާ ގޮތެއް ބަލަމުން އަންނަ ކަމަށެވެ.
އަހުމަދު އަބްދުﷲ ބުނީ ރޯކޮށްލީ އޭނާ މީގެ ދެ އަހަރު ކުރިން ކ. ހިންމަފުށިން ގަނެގެން ގެންގޮސް މަރާމާތު ކުރަމުން އަންނަ ކުޑަ ދޯންޏެއް ކަމަށާއި އެ ދޯނީގައި މިއަދު ރޯކޮށްލި ހަބަރު 11:30ގައި ލިބުނީ އޭނާގެ 99 ފޫޓުގެ ފައިބަރު ދޯންޏެއްގައި ހުޅު ރޯކޮށް އަންދާލާނެ ކަމުގެ އިންޒާރު ބަޔަކު މީހުން ދެމުންދަނިކޮށް ކަމަށެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނިކޮށްފައިވާނެ ކަމަށް ވެސް ބުންޏެވެ.
"އެ ދޯންޏަކީ އަޅުގަނޑު ވަދާއިދިއުމަށް 75000ރ. ދީފައި ގަނެގެން ގެނެސް 100000ރ. ހަރަދުކޮށް މަރާމާތުކޮށްފައިވާ ދޯންޏެއް. އެ ދޯނި މި އަންދާލީ އަޅުގަނޑަށް އިންޒާރު ދިނުމަށް ފަހު،" އޭނާ ބުންޏެވެ.
ހިތޫ ކޮރަވަލި ސަރަހައްދަށް އެހެލާފައި ހުރި ދޯނީގައި ރޯވެ އަނދަމުންދިޔަ އަލިފާންގަނޑު ނިންވާލީ މިއަދު މެންދު 1:00 ޖަހަން އުޅެނިކޮށެވެ.