31 Jan 2013, 09:28
ކުވައިތު (ޖަނަވަރީ 31) : އަހްލީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން 1.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ފައިސާ ދިނުމަށް ކުވައިތުގައި ބޭއްވި ސޫރިޔާގެ ރައްޔިތުންނަށް އެހީދިނުމާ ބެހޭ މަހާސިންތާގެ ބައިވެރިން ވަޢްދުވެއްޖެ އެވެ.
ކުވައިތުގައި އިއްޔެ ނިމުނު މިމަހާސިންތާގައި މިކަން އިޢްލާންކުރައްވާފައި ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އެވެ. ބާންކީ މޫން ވިދާޅުވީ 1.5 ބިލިޔަން ޑޮލަރު ފުދޭނީ ހަމައެކަނި ސޫރިޔާގެ ރައްޔިތުންނަށް ކުއްލި ގޮތުގައި ދިނުމަށް މިހާރު މަޖްބޫރުވެފައިވާ ކާބޯތަކެއްޗާއި ބޭސްފަރުވާއާއި އަންނައުނު ފަދަ އިންސާނީ އެހީތައް ދިނުމަށް ކަމުގަ އެވެ. ސޫރިޔާގައި މީގެ 22 މަސްކުރިން ފެށިގެން ކުރިޔަށްދާ އަހްލީ ހަނގުރާމައިގާ އަށް ލައްކައެއްހާ މީހުން ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ގައުމުތަކަށް ހިޖްރަކޮށް ފޭލިގެތަކުގައި ވަރަށް ދެރަވަރު ޙާލަތުގައި ދިރިއުޅެމުން ގެންދެ އެވެ.
މީގެއިތުރުން ސޫރިޔާގެ އެތެރޭގައިވެސް (ރައްކާތެރި ބައެއް ހިސާބުތަކުގައި) އެތައް ހަތަރު މިލިޔަނެއްހާ މީހުން ގެދޮރުދޫކޮށް ވަރަށް ދަތި ޙާލުގައި ދިރިއުޅެމުން ގެންދާކަމަށް ރެފިއުޖީންނާ ބެހޭ އދ. ގެ އިދާރާއިން ބުނެ އެވެ. ސޫރިޔާގެ ރައްޔިތުންނަށް އެހީދިނުމާ ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވާފައި ވަނީ އދ. ން އިސްނަގައިގެންނެވެ. މި މަހާސިންތާގައި ބައިވެރިވެފައި ވަނީ އދ. އާއި ބައިނަލްއަޤްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުގެ އިތުރުން ޢަރަބި އަދި އިސްލާމީ ބައެއް ގައުމުތަކާއި ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިތުރުން ޖަޕާނާއި އެމެރިކާ އެވެ.
މި މަހާސިންތާގައި ސޫރިޔާގެ ރައްޔިތުންނަށް އެންމެ ގިނައިން ފައިސާގެ އެހިދިނުމަށް ވަޢްދުވެފައި ވަނީ ކުވައިތާއި ސަޢޫދީ އަރަބިޔާއިންނެވެ. މި ދެ ގައުމުން 300 މިލިޔަން ޑޮލަރު ދިނުމަށް ވަޢްދުވެފައިވެ އެވެ. އެމެރިކާއިން ވެސް 155 މިލިޔަން ޑޮލަރު ދިނުމަށް ވައްދުވެފައިވެ އެވެ. ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ވަނީ އެގައުމުގެ ރައްޔިތުންނަށް އިންސާނީ އެހީ ދިނުމަށް ވަޢްދުވި ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކޮށްފަ އެވެ. (އަލްޖަޒީރާ)