31 Jan 2013, 09:24
ދިމިޝްޤު (ޖަނަވަރީ 31): އިސްރާއީލުން ސޫރިޔާގެ ސައެންޓިފިކް ރީސާޗާ ބެހޭ މަރުކަޒަކަށް ވައިގެ ޙަމަލާތަކެއް ދީފިކަމަށާއި މިޙަމަލާތަކުގައި ދެ މީހަކު މަރުވެފައިވާ ކަމަށް ސޫރިޔާ ސިފައިން ބުނެފި އެވެ.
ސޫރިޔާ ސިފައިން ނެރުނު ބަޔާނެއް ބުނާގޮތުން އިސްރާއީލުގެ ފައިޓާރޖެޓް ޢަސްކަރީ މަތިންދާބޯޓުތަކުން އިއްޔެގެ ވަގުތެއްގައި ވަނީ ދިމިޝްގުގެ ރަށްފުށުގެ ހިސާބެއް ކަމަށްވާ ޖަމްރާޔާގައިވާ ސައެންޓިފިކް ރީސާޗާ ބެހޭ މަރުކަޒަކަށް ޙަމަލާތަކެއް ދީފަ އެވެ. މިމަރުކަޒަކީ ދިފާޢީ ކަންކަމާ ބެހޭ ރީސާޗް މަރުކަޒެއް ކަމަށާ މިމަރުކަޒަށް ޙަމަލާދިން އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ސޫރިޔާގެ ވައިގެ ސަރަޙައްދަށް ވަދެފައި ވަނީ މީގެ 45 ވަރަކަށް އަހަރު ކުރިން އިސްރާއީލުން ހިފާފައިވާ ސޫރިޔާގެ ގޯލާން ސަރަޙައްދުން ކަމަށްވެސްސޫރިޔާ ސިފައިން ނެރުނު ބަޔާނެއް ބުނެ އެވެ.
ނަމަވެސް އިސްރާއީލުގެ ޙަމަލާގައި އެ މަރުކަޒަށް ލިބުނު ގެއްލުންތަކާއި އެ މަރުކަޒުގައި ކުރަމުން ގެންދިޔައީ ކޮންބާވަތެއްގެ ސައެންޓިފިކް ދިރާސާތަކެއްކަން މިބަޔާނުގައި ހާމަކޮށްފައެއްނުވެ އެވެ. އިސްރާއީލުގެ ޙަމަލާގައި މަރުވި ދެމީހުންނާއި ޒަޚަމްވި ފަސްމީހުންނަކީ އެމަރުކަޒުގައި މަސައްކަތްކުރާ މީހުންކަމަށް ވެސް ސޫރިޔާ ސިފައިން ނެރުނު ބަޔާން ބުނެ އެވެ.
އިސްރާއީލުން ވެސް ވަނީ ސޫރިޔާ އަށް ޙަމަލާދިން ކަމަށް އެއްބަސްވެފަ އެވެ. އިސްރާއީލުން ބުނެފައި ވަނީ އެގައުމުން ޙަމަލާދީފައި ވަނީ ސޫރިޔާ އިން ލުބްނާނަށް ދަތުރުކުރަމުން ދިޔަ ވެހިކަލްތަކަށް ކަމަށާއި އެ ވެހިކަލްތަކުގައި ސޫރިޔާ އިން ލުބްނާނަށް ހަތިޔާރު ގެންދާކަމަށް ޝައްކުކުރެވޭ ކަމުގަ އެވެ. އެމެރިކާގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާ ގޮތުން އިސްރާއީލުން ޙަމަލާދިން ސޫރިޔާގެ ވެހިކަލްތަކުން ލުބްނާނަށް ގެންދިޔައީ އެސްއޭ17 ގެ ރޮކެޓް ކަމުގަ އެވެ.
މިއީ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިންނަށް ފޯރުކޮށްދިނުމަށް ސޫރިޔާ އިން ފޮނުވި ހަތިޔާރުގެ ޝިޕްމަންޓެއް ކަމަށް އެސޯސިއޭޓެޑް ޕްރެސް ބުނެ އެވެ. އިސްރާއީލާއި އެމެރިކާ އިން ވަނީ ސޫރިޔާގައި ހުރި ކެމިކަލް ހަތިޔާރާއި ބައިލޮޖިކަލް ހަތިޔާރުތަކުގެ ސްޓޮކަށް ލޯއަޅަމުން ގެންދާކަމަށް ބުނެފަ އެވެ. (އަލްޖަޒީރާ)