31 Jan 2013, 09:22
އެމްޑީޕީއަށް ސިޔާސީ ހަރަކާތްތަށް ހިންގުމަށް މާލޭ ސިޓީ ކައުންސިލުން ދީފައިވާ އުސްފަސްގަނޑު ސަރަހައްދު އަތުލާއިރަށް އެހެން ހިސާބަކުން އެމްޑީޕީއަށް ބިމެއް ދޭނެ ކަމަށް މާލޭ ސިޓި ކައުންސިލްގެ މޭޔަރު މައިޒާން އަލި މަނިކު (އަލިބެ) ވިދާޅުވެއްޖެ އެވެ.
~
އުސްފަސްގަނޑު ސަރަހައްދު ކައިރި ރޭ އެމްޑީޕީއިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރު އަލިބެ ވިދާޅުވީ އެއްތަނެއް ނަގާއިރަށް އަނެއްތަނަކަށް ޖެހިލާނެ ކަމަށާއި މާލެސިޓީގެ 32 ބިން އެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ވުމުން އުސްފަސްގަނޑު އަތުލާއިރަށް އެހެން ބިމެއް އެމްޑީޕީއަށް ލިބޭނެ ކަމަށެވެ.
"މިތަން (އުސްފަސްގަނޑު) އަތުލާއިރަށް އަޅުގަނޑުމެން ހުއްދަދޭނަން އެހެން ސަރަހައްދަކުން، އެއީ ތިޔަ ލޮބުވެތި ރައްޔިތުންނަށްޓަކައި، އަޅުގަނޑު ބޭއްނުމެއް ނޫން ރާއްޖޭގެ ރައްޔިތުން ހަލާކުވެގެންދާކަށް،" އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލޭ ސީޓީގެ މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުސްފަސްގަނޑު އެއްވެސް ފަރާތަކަށް ދީގެން ނުވާނެ ކަމަށް ހައިކޯޓުން އަމުރު ކުރުމުން މިއަދު އެ މައްސަލަ ސުޕުރީމް ކޯޓަށް ވައްދާނެ ކަމަށެވެ.
އުސްފަސްގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށް، އެމްޑީޕީން އުސްފަސްގަނޑު ކައިރީގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ވެސް ވާހަކަފުޅު ދެއްކެވި އެވެ. އެ ޖައްސާގައި ވާހަކަފުޅު ދައްކަވަމުން ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވަނީ ކޯނީގެ ރިޕޯޓް ދިރާސާ ކުރުމުގެ ބާރު ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީއަށް ލިބިގެންވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެފައި ވާތީ އޭނާއަށް އަލީ ވަހީދު ތައުރީފު ކުރެއްވައި ވާހަކަފުޅު ދެއްކެވި އެވެ.
"ކޮބާތޯ ފުލުހުންގެ އިސްސަފުގައި ހުންނަވައިގެން ފަސީހު ކައިރިއަށް ދިޔަމީހުން، މިއަދު ކީއްވެގެންތޯ މާލެ އަމާންތަނަކަށް ހެދުމަށް އެތަންމިތަން ނުބަލާ ދަރުބާރުގެ ފުރަގަހުގަ ތަންޑި އަޅައިގެން ތިބެނީ، ކޮބާތޯ މިއަދުގެ އިންސާފު، ތިޔަބޭފުޅުން ގަބޫލް ކުރައްވަން ޖެހޭނެ މީދަލަކަށް ދުވަހެއް އަންނަންޔާ ހިކަންޖަކަށް ވެސް ދުވަހެއް އަންނާނެކަން،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދުގެ ވާހަކަފުޅުގައި ވަނީ ސިފައިންނާއި ފުލުހުންގެ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްކާއި މިއަދުގެ ސަރުކާރު ހިންގާ ގޮތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ސަރުކާރު ބަދަލު ކުރަން ޖެހޭ އެންމެހާ ކަންތައްތައް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މައްޗަށްގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރައީސް ނަޝީދުގެ ބައިވެރިނުކުރާ ރިޔާސީ އިންތިހާބެއް ރާއްޖޭގައި ނުބޭއްވޭނެ ކަމަށެވެ. އަދި އެމްޑީޕީއަކީ މިނިވަންކަން ހޯދައިދިނުމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށާއި އެ މަސައްކަތްތަށް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
އެމްޑީޕީއިން ރޭ އުސްފަސްގަނޑު ކައިރި ބޭއްވި ޖަލްސާ ނިންމާލާފައިވަނީ ސިލްސިލާކޮށް، އެ ސަރަހައްދުގައި އެ ސަރަހައްދުގައި ޖަލްސާ ބާއްވާނެ ކަމަށް އިއުލާން ކުރަމުންނެވެ.