ސިވިލް ސާވިސްގައި މަސައްކަތް ކުރާ މީހުންނަކީ ސިޔާސީ ހަރަކާތް ތަކުގައި ބައިވެރިވެވޭ ނުވަތަ ސިޔާސީ ޕާޓީ އެއްގައި ބައިވެރިވެވޭ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި ސިވިލް ސަވިސްގައި މަސައްކަތް ކުރާ މީހުން ސިޔާސީ ވެގެން ނުވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ހަސަން ދީދީ ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގަނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލްތަކުގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން އެލްޖީއޭއިން އިސްނަގައިގެން ކައުންސިލްތަކުގެ ފައިނޭންސް އޮފިސަރުން ތަމްރީން ކުރުމުގެ ޕޮރުގުރާމްގެ ފުރަތަމަ ބުރުގެ ބައިވެރިންނަށް ސެޓިފިކެޓް ދިނުމަށް ޓަކައި ސްޓެލްކޯގެ ހޯލްގައި މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ސީއެސްސީގެ ނައިބް ރައީސް ވިދާޅުވީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މީހުންނަކީ ފަންނީ ބަޔަކަށް ވާން ޖެހޭނެ ކަމަށާއި އަދި ސިވިލް ސާވިލްގައި މަސައްކަތް ކުރާ މީހުން އަމަލު ކުރާނެ ވަކި އުސޫލުތަކެއް ނުވަތަ ހުދޫދުތަކެއް ކަނޑައެޅިފައި ހުންނަން ޖެހޭނެ ކަމަށެވެ.

"ސިވިލް ސާވިސްގައި މަސައްކަތް ކުރާ މީހުންނަށް އިނގިލި ދިއްކުރެވެނީ ސިވިލް ސާވިސް ގައި މަސައްކަތް ކުރައްވާ ބޭފުޅުން އަމަލު ކުރައްވާ ގޮތުން. އިންތިހާބު ކުރެވިފައި ތިއްބަވާ ބޭފުޅުން ވިދާޅުވޭ ތިމަންނާމެންނަށް ވުރެ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މީހުން މާ ސިޔާސީ އޭ. މީ އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެއް. އަޅުގަނޑުމެންގެ ތެރޭގައި ބައުންޑަރީސްތަކެއް އެބަ ކަނޑައަޅަން ޖެހޭ. އަޅުގަނޑުމެން ފަންނީ މީހުންނަށް ވަންޏާ ފަންނީ މީހުންނަށް ވާނީ. އަޅުގަނޑުމެން ސިޔާސީ މީހުންނަށް ވަންޏާ ސިޔާސީ މީހުންނަށް ވާނީ. ކޮންމެ ބަޔަކު ވެސް މަސައްކަތް ކުރަން ޖެހޭނީ އެމީހެއްގެ ފަންނު ކުރިއަރުވަން މަސައްކަތް ކުރަން. އަޅުގަނޑުމެން ދެބަދޭތެރޭގަ ކުރާ މަސައްކަތް އެބަ ޖެހޭ ޔަގީން ކަމަށް ގެންނަން. ސިޔާސީ ވާނީ ނުވަތަ ފަންނީ މީހަކަށް ވާނީތޯ." ދީދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މީހުން ސިޔާސީ ކަންކަމުގައި އުޅުން މަނާ ކުރުމަކީ ދުނިޔޭގެ ތަރއްގީވެފައިވާ ގައުމު ތަކުގައި ވެސް ކަން ކުރަމުން އަންނަ އުސޫލް ކަމަށާއި އަދި ސިވިލް ސާވިސްގައި މަސައްކަތް ކުރާ މީހުންނަކީ ސިވިލް ސާވަންޓުންނަށް ވާއިރު ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް އެންމެ ފުރިހަ ގޮތުގައި ދެވޭނީ ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެގެން ކަން ސިވިލް ސާވިސްގައި މަސައްކަތް ކުރާ ހުރިހައި ފަރާތް ތަކަކުން ވެސް ގަބޫލު ކުރަން ޖެހޭނެ ކަމަށް ދީދީ ވިދާޅުވި އެވެ.

ފުރިހަ ޑިމޮކުރަސީއެއް ގާއިމް ކޮށް ލާމަރުކަޒީ ނިޒާމް އެކަށީގެންވާ ގޮތެއްގައި ހިންގުމަށް ޓަކައި ސިވިލް ސާވިސްގައި މަސައްކަތް ކުރާ މީހުންނަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ އަދި އޭރެއްގައި އޮންނަ ސަރުކާރަކަށް ފުރިހަމަ އަށް އެހީތެރިވެވޭ އަދި އޭރެއްގައި އޮންނަ ސަރުކާރެއްގެ އިތުބާރު ލިބިފައިވާ ބަޔަކަށް ވާން ޖެހޭނެ ކަމަށް ވެސް ދީދީ ވިދާޅުވި އެވެ. އެހެން ކަމުން ސިވިލް ސާވިސްގައި މަސައްކަތް ކުރާ މީހުން ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެގެން މަސައްކަތް ކުރެވޭނެ ގާނޫނީ ހަމަތަކެއް ވީހާ ވެސް އަވަހަކަށް ކަނޑައެޅިގެން ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެލްޖީއޭއިން އިސްނަގައިގެން ކުވައިތު ފަންޑުގެ އެހީގައި ހިންގި މިކޯހުގެ ފުރަތަމަ ބުރުގައި 56 ފައިނޭންސް އޮފިސަރުން ވަނީ ތަމްރީން ކުރެވިފަ އެވެ. އަދި ކޯސް މުޅިން ނިމިގެން ދާއިރު 93 ފައިނޭންސް އޮފިސަރުން ތަމްރީން ކުރެވިގެން ދާނެ ކަމަށް އެލްޖީއޭއިން މައުލޫމާތު ދީފައިވެ އެވެ.